ޚަބަރު

ދިއްގަރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ނިމެނީ


މ.ދިއްގަރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ދިއްގަރު ކައުންސިލުން ހާމަކުރައްވައިފިއެވެ.

މިމަސައްކަތްކުރަމުން އަންނަ އެމްޓީސީސީން އަންނަނީ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ރަށްގިރުމުގެ މައްސަލަ ދިމާވެ، ދިއްގަރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 31 ވަނަ ދުވަހުއެވެ. މަސައްކަތް ފެށިތާ އަހަރެއްވުމާ ގާތްވެފައިވާއިރު މިމަސައްކަތުގެ ޢަމަލީ ހުރިހާ މަސައްކަތެއް އަންނަ ހަފްތާގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށް އެރަށު ކައުންސިލުން ލަފާކުރެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މ.ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ މިމަސައްކަތް ޙަވާލުކޮށްފައިވާ އެމްޓީސީސީގެ މަސައްކަތުގެ ސްޕީޑާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

ޒަމާނުއްސުރެ ދިއްގަރަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގެ ގިރަމުންދާ ސަރަޙައްދުގައި 300 ފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިމަސައްކަތް މިފެށޭ ހަފްތާގެ ތެރޭގައި ނިމޭނެކަމަށް ނިޝާން ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިއްގަރުގެ ބިމުން ގާތްގަނޑަކަށް 150 ފޫޓުގެ ސަރަޙައްދެއް ގިރައިގެން ގޮސްފައިވާކަމަށް އެރަށުގެ ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން އިތުރުވަމުން އަންނަ އާބާދީއާއި ރަށުގެ ތަރައްޤީއަށް ދިއްގަރަށްވަނީ ބިމުގެ ބޭނުން ޖެހިފައެވެ. ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއެކު އެރަށަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން ގާތްގަނޑަކަށް 17 ވަރަކަށް ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެހެންނަމަވެސް މިވަގުތު މިމަސައްކަތް ވަގުތީގޮތުން ހުއްޓިފައިވާއިރު އަދި ގާތްގަނޑަކަށް 8 ވަރަކަށް ހެކްޓަރުގެ ބިން ހިއްކަންޖެހޭ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ ބިން ހިއްކުމުގެ މައްސަލަ ކުއްލިއަކަށް ހުއްޓާލަންޖެހުނީ އެމަސައްކަތުގައި ބޭނުންކުރަމުންދާ މަހާޖައްރާފަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މަހާޖައްރާފު މަރާމާތުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ދާއިރު ފެށޭ ހަފްތާގެ ތެރޭގައި އަލުން ދިއްގަރަށް މަހާޖައްރާފު ގެންނާނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރާ ޙަވާލާދެއްވާ ކައުންސިލުން ލަފާކުރެއެވެ. އަދި މިފަދަ ބޮޑެތި މަސައްކަތް ކުރަމުންދާއިރު އެފަދަ އެކްސިޑެންޓުތައް ކުރިމަތިވުމަކީ ވެދާނެކަމެއްކަން ފާހަގަކުރައްވާ ދިއްގަރު ކައުންސިލުންވަނީ މަސައްކަތް ކުރިއަށްދާގޮތާއި މެދު ހިތްހަމަޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މަޝްރޫޢު ނިންމުމަށް މިހާރު ލަފާކޮށްފައިވާ ތާރީޚަށް ނިމޭނެކަމުގެ އުއްމީދު ބޮޑުކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ދައުލަތުގެ ބަޖެޓުން 121 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ތެރޭގައި ހިމަނައިގެން، ކުރިއަށްދާ 25 ހެކްޓަރުގެ ބިން ހިއްކާ ރަށުގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކޮށް ނިމުމާއެކު ދިއްގަރަށް ކުރިމަތިވެފައިވާ ދުވަސްވީ މައްސަލައަށް ޙައްލެއް އަންނާނެކަމަށް އެރަށު ރައްޔިތުން އުއްމީދުކުރެއެވެ.