ޚަބަރު

ވިނަރެސްގެ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފި


ވިނަރެސް މަޝްރޫޢުގައި ހިމަނައިގެން ވިޔަފާރިތަކަށް ދޫކުރުމަށް ތަރައްޤީކުރި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ. މިއީ ވިނަރެސް މަޝްރޫޢުން ވިޔަފާރިއަށް ޔުނިޓްތައް ދޫކުރުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 10 ޓަވަރެވެ. މި ޓަވަރުތަކުގެ އެންމެ ތިރީ ދެ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ވިޔަފާރި ޔުނިޓްތައް ދޫކުރުމަށެވެ. މިއީ ވިނަރެސްގައި ހިމެނޭ 1344 ޔުނިޓަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް، ފަސޭހަކަމާއެކު އާންމު ވިޔަފާރިތައް ކުރެވޭނެގޮތް ހަމަޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ވިނަރެސް ކޮމާޝަލް ޔުނިޓްތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މިހާތަނަށް ހުޅުވާލާފައިވަނީ 4 ޔުނިޓް ދޫކުރުމަށެވެ. އެއީ މަހުގެ ބާވަތްތައް ވިއްކުމަށް ޚާއްސަ 2 ފިހާރައާއި، ގޭގައި އާއްމުކޮށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކާއި އެހެނިހެން ތަކެތި ވިއްކުމަށް ދޫކުރާ ދެ ފިހާރައެވެ.

މަހުގެ އުފެއްދުންތައް ވިއްކުމަށް ސްލޮޓް ދޫކުރަނީ ވިނަރެސް 5 އަދި 7ވަނަ ޓަވަރުންނެވެ. އެއީ 723 އަކަފޫޓުގެ ޔުނިޓަކާ 656 އަކަފޫޓުގެ ޔުނިޓެކެވެ. ކާބޯތަކެތީގެ އާއްމު ބާވަތްތައް ވިއްކުމަށް ޔުނިޓް ދޫކުރަނީ ވިނަރެސް 4 އަދި 9ވަނަ ޓަވަރުންނެވެ. އެއީ 702 އަކަފުޓުގެ ޔުނިޓްތަކެވެ.

މިކަމާ ގުޅޭ މާއުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ޕްރޮޕޯސަލް މީޓިން އޮންނާނީ މިމަހުގެ 22ވަނަ ދުވަހުއެވެ. އަދި ބީލަމަށް ހުޅުވާލުން އޮންނާނީ މިމަހުގެ 30 އަދި 31ވަނަ ދުވަހުއެވެ. ބީލަމާ ގުލޭ ތަފްސީލް އެޗްޑީސީގެ ވެބްސައިޓުން ލިބޭނެއެވެ.

ވިނަރެސް ހައުސިން މަޝްރޫޢުއަކީ ސަރުކާރުގެ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ދޫކުރާ މަޝްރޫޢުއެވެ. ވިނަރެސް ފްލެޓްތައް ގަތުމަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. މި ފުރުޞަތު އަންނަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ތަރައްޤީކުރާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުތައްވެސް މިހާރު ތަރައްޤީކުރަނީ، އެ އިމާރާތްތަކުން އާއްމު ގިނަ ޚިދުމަތްތައް ލިބޭ ގޮތަށެވެ. އެގޮތުން ޕާކިން ޒޯން، ފިހާރަތައް، ކްލިނިކް، ފާމަސީ އަދި ކެފޭ ފަދަ ތަންތަން ހިމެނޭގޮތަށެވެ.