ޚަބަރު

ހުޅުމާލޭގައި ޤާއިމުކުރާ "އަމާން ހިޔާ"ގެ ބިންގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ހުޅުމާލޭގައި އަލަށް ޤާއިމްކުރާ "އަމާން ހިޔާ" އިމާރާތްކުރުމަށް ބޭނުންވާ ބިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އާއި މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މެދުގައެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސުހެއިލްއެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހުޅުމާލޭގައި ޤާއިމްކުރާ އަމާން ހިޔާއަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހަދާ ތަނެކެވެ. އެއީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދާ ތަނެކެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ގިނައިން ކުރަންޖެހޭކަމެއްކަމަށެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހުމުން މިހާރު ވަރަށް ބޮޑެތި ތަކުލީފުތަކެއް ދިމާވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޭޑީބީގެ އެހީތެރިކަމާއިއެކު އަޅުގަނޑުމެން ރާއްޖޭގެ 3 ހިސާބެއްގަ އަމާން ހިޔާ ޤާއިމްކުރުމަަށް ހަމަޖެހިފަ މިއޮތީ. އެއީ ރ. އަތޮޅާއި އައްޑޫ ސިޓީ އަދި ހުޅުމާލެ" މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި ޤާއިމްވެގެންދާ އަމާން ހިޔާއަކީ ނަމޫނާ ތަނަކަށް ވާނެކަމަށެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ދޭން ބޭނުންވާ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސުޙައިލް ވިދާޅުވީ ގެވެށި އަނިޔާއަކީ މި މުޖުތަމައުތެރޭގައި މިހާރު ވަރަށް ބޮޑަށް ފެތުރިފައި އޮތް ކަމެއްކަމަށެވެ. މިކަންކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތް ސުޙައިލް ވަނީ ފާހަގަކުރައްވާފައެވެ.

ސުޙައިލް ވިދާޅުވީ މިފަދަ ޚިދުމަތްދެވޭ ތަނެއް ހުޅުމާލޭގައި ޤާއިމްކުރާތީ އެކަމާ އުފާކުރައްވާކަމަށެވެ. އަދި މިހާރުވެސް ބޮޑު އާބާދީއެއް މާލެއިން ހުޅުމާލެއަށް ބަދަލުވަމުން އަންނައިރު މިފަދަ ޚިދުމަތެއް ލިބެން ހުރުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަމަށް ސުހައިލް ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ކާމިޔާބީއެއް ލިބިގެންދާނެކަމަށެވެ. އަދި މިތަނަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހަމައެކަނި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ތަނެއް ނޫންކަމަށާ އެފަރާތްތަކަށް ބޭނުންވާ އަސާސީ ހުރިހާ ބޭނުންތަކާއެކު ނަފްސާނީ، އިޖުތިމާއީ އަދި ޤާނޫނީ އެހީތެރިކަންވެސް މިތަނުން ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށވްމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުންހުށައެޅޭ މައްސަލަތަކަށްބަލާއިރު ގިނައީ އަންހެނުންނަށްކުރާ އެކިބާވަތުގެ ގެެވެށިއަނިޔާކަން ފާހަގަކުރެވެއެވެ. ޖެންޑަރ މިނިސްޓްރީއިން ވިދާޅުވާގޮތުގައި އަނިޔާގެ ޝިކާރައަށްވާ މީހުންގެ ޢަދަދު ގިނަވުމުގެ މައިގަނޑު އެއް ސަބަބަކީ އަނިޔާއަކީ ކޮބައިކަން ގިނަފަހަރަށް ނޭނގުމުގެ ސަބަބުންނެވެ. އެހެންކަމުން މިނިސްޓްރީއިން އަންނަނީ އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރަމުންނެވެ.