ފ.ދަރަނބުދޫ އަކީ ބިމުގެ ފެންފަށަލަ ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ޙާލާތުގައި އޮތް ރަށެކެވެ. މިކަމުގެ މައިގަނޑު އެއް ސަބަބަކީ ރައްކާތެރި ރަގަޅު ނަރުދަމާ ނިޒާމެއް ނެތުމެވެ. އެރަށު ކައުންސިލްގެ ރައީސް އަބްދުލް ޙަމީދު އާދަމް ވިދާޅުވީ ނަޖިސް ޖަންގްޝަންތައް ހަދާފައިވަނީ ގޭގޭގެ ގޯތިތެެރޭގައި ކަމަށެވެ. އެގޮތަށް ކޮންމެ ގެއަކުން ބިމަށް ނަޖިސް ހިންދުމުން ގޭގެ ހިމެނޭ ސަރަޙައްދުގެ ބިމުގެ ފެންފަށަލަ ވަނީ ތަޣައްޔަރުވެފައިކަމަށެވެ. މިހާތަނަށް މިނޫންގޮތެއް އެރަށު ރައްޔިތުންނަކަށް ނެތެވެ.
މިއީ ރާއްޖޭގެ ހުރިހާރަށަކަށްހެން ކުރިމަތިވަމުން އައި މައްސަލައެކެވެ. އާންމުކޮށް ފެންތިލަ ރަށްރަށަށް މިމައްސަލަ ބޮޑަށް ކުރިމަތިވާކަން ފާހަގަކުރެވެއެވެ. މިމައްސަލަ ޙައްލުކރުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. މިދައުރު ނިމުމުގެކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އަންނަނީ އެކަން ކުރައްވަމުންނެވެ. ދަރަނބޫދޫގައިވެސް މިމަސައްކަތް އަންނަނީ ހިނގަމުންނެވެ.
ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލްޙަމީދު އާދަމް ވިދާޅުވީ، އެރަށުގޭގޭގެ ނަޖިސް ޖަންކްޝަންތައް ފުރުމުން ވަޅުގަނޑުގައި ހުންނަ ނަޖިސްތައް ސާފުކުރުމަށް ރައްޔިތުން އެތައް ހޭދައެއް ކުރާކަމަށެވެ. އަނެއްކޮޅުން އާންމުކޮށް ބުއިމަށް ވާރޭފެން ބުއިމަށް ބޭނުން ކުރާ މިރަށުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކީ ވާރޭފެން ނެގޭނެ ނިޒާމެއްވެސް މިވަގުތު ނެތެވެ. އެހެންކަމުން ފެނާއި ނަރުދަމާގެ ރައްކާތެރި ޒަމާނީ ނިޒާމަކަށް ރައްޔިތުންކުރާ އުންމީދު ބޮޑެވެ.
މިހާރު އެރަށުގައި ޤާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ރައްކާތެރި ފެން ފޯރުކޮށްދިނުމަށް އަޅާ މައިހޮޅީގެ ބޮޑުބައެއް މިހާރުވަނީ އަޅައި ނިމިފައެވެ. ފެންފޯރުކޮށްދިނުމަށް 2 ޕްލާންޓް ބަހައްޓާނެއެވެ. އެ ޕްލާންޓްތައް ބަހައްޓާ އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއްވަނީ ނިމިފައިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތުގެ ދަށުން ފެން ރައްކާކުރުމަށް 3 ތާނގީ ބަހައްޓާނެއެވެ. އެއީ ޕްލާންޓުން އުފައްދާ ފެންރައްކާކުރުމަށް 2 ތާނގީއާ ވާރޭފެން ރައްކާކުރުމަށް ބަހައްޓާ ތާނގީއެކެވެ. ނަރުދަމާ ނިޒާމްގެ މަސައްކަތައް ބަލާއިރު މިހާރު ކުރަމުން އަންނަނީ ނަރުދަމާގެ މައިހޮޅި އެޅުމުގެ މަސައްކަތެވެ. މި މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ޢަބްދުލްޙަމީދު އާދަމް ވިދާޅުވީ އެ މަސައްކަތް ރަށުގައި ކުރިއަށްދާއިރު ކައުންސިލުން ބަރާބަރަށް މޮނިޓަރކުރާކަމަށެވެ. ގެންނަންޖެހޭ ކުދިކުދި ބަދަލުތައް މިނިސްޓްރީއާ ވާހަކަދައްކައިގެން ގެންނަކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންގެ ލަފަޔާއި އިރުޝާދު މަސައްކަތް ކުރާފަރާތުން ހޯދާކަމަށްވެސް ކައުންސިލްގެ ރައީސްވިދާޅުވިއެވެ.
600 މީހުންގެ އާބާދީއެއްއޮންނަ ދަރަނބޫދޫ ރައްޔިތުންތިބީ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމި ޚިދުމަތް ލިބޭނެދުވަހެއްގެ އިންތިޒާރުގައެވެ.