ޚަބަރު

ދެ ރަށެއްގެ ކައުންސިލް ބައި އިލެކްޝަންގެ ވޯޓުލުން ފެށިއްޖެ


މ. ދިއްގަރު އަދި ތ. ގާދިއްފުށި ލޯކަލް ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފެށިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި 2 ރަށުގެ ލޯކަލް ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާކަމަށެވެ. އަދި ވޯޓުލުން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށެވެ.

މި 2 ބައި- އިލެކްޝަންގައި ވޯޓުލުމަށްޓަކާ ޖުމްލަ 3 ފޮށްޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަހައްޓާފައެވެ. އެއީ ދިއްގަރު ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަކާއި، ގާދިއްފުށި ޕްރީސްކޫލުގައި ބަހައްޓާފައިވާ ފޮށީގެ އިތުރުން، މާލޭގައި ދިރިއުޅޭ މި 2 ރަށުގެ ރައްޔިތުން ވޯޓުލުމަށްޓަކާ ޢިއްޒުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެވެ.

ދިއްގަރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓު ލުމުގެ ހައްޤު 733 މީހަކަށް ލިބިފައިވެއެވެ. ގާދިއްފުށީ ވޯޓު ފޮށްޓަށް 218 މީހަކަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވާއިރު، މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ޖުމްލަ 586 މީހަކަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ.