ޚަބަރު

މިޓާމްގެ ތެރޭގައި ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން އައު ޢިމާރާތަށް ބަދަލުކުރަނީ


ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ނިންމައި މި ސެމިސްޓރަގެ ތެރޭގައި ދަރިވަރުން އެ ޢިމާރާތައް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ މިމަހުގެ 7ވަނަ ދުވަހުގައެވެ. އަދި މި އަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22ވަނަ ދުވަހުއެވެ. ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތްކުރަނީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

މި މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކޮށްފައިވަނީ 4 ފެބްރުއަރީ 2020 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަމަ އެ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެކުންފުނިން ވަނީ ފަށާފައެވެ. އެހެންނަމަވެސް، އިމާރާތުގެ ކުރެހުމުގައި ބޮޑެތި މައްސަލަތަށް ހުރުމުން، ރީޑިޒައިނިންގ ދިގުލައިގެން ދިއުމާއި، އެ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރުވެސް ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ކިޔަވަމުންދިޔައީ ވަރަށް ހޫނުގައިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެ ސްކޫލްގެ ހުރިހާ ކްލާސްރޫމްތައް އޭސީކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދަރުމަވަންތަ ސްކޫލްގެ އާއިމާރާތުގެ މަސައްކަތުގެ މަޢުލޫމާތުތައް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް މި މަސްނިމޭއިރަށް ނިންމާލެވޭނެކަމަށެވެ. އަދި މި ސެމިސްޓަރގެ ތެރޭގައި ދަރުމަވަންތަ ސްކޫލްގައި މިހާރު ކިޔަވަމުން ދަރިވަރުން އައު އިމާރާތްތައް ބަދަލުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން މި ސެމިސްޓަރގެ ތެރޭގައި އައު ޢިމާރާތަށް ބަދަލުކުރުމުން އަރަބިއްޔާ ކުދިން ބަދަލުވާނީ މިހާރުގެ ދަރުމަވަންތަ ސްކޫލަށް. ދަރުމަވަންތަ ސްކޫލްއަކީ މާލޭގައި އަޅާ މޮޑެލް ސްކޫލް. މި ސްކޫލްއަކީ އެއްދަންފަޅިއަށް ކިޔަވައިދޭނެ ސްކޫލެއް." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިހާރު އެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެގޮތުން ސްކޫލުގެ ޢިމާރާތަށް ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް ނިމި، ފިނިޝިންގގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

މި ސްކޫލު ހިމެނޭ ސަރަހައްދުގައި ގައިދީން ބަހައްޓާ ޖަލެއްވެސް ހުރުމާއެކު، އެކަމުގެ ކަންބޮޑުވުން އާއްމުންނާއި ބެލެނިވެރިން ފާޅުކޮށްފައިވެއެވެ. ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިންމައި އެތަނުގައި ކިޔަވައިދޭން ފަށަންވާއިރަށް އެ ސަރަޙައްދުގައި ހުރި ޖަލު، ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަންނަނީ ކުރަމުންނެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސްބިމުގައި އިމާރާތްކުރާ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްތައް އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. މިއީ 1000 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އަލަށް އިމާރާތްކުރާ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތަކީ ވަށައިޖެހޭ ތަޢުލީމެއްދެވޭ އެއް ދަންފަޅިއަށް ހިންގާނެ ސްކޫލެކެވެ.

މި ސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހުންނާނެއެވެ. އަދި ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެވެސް ހުންނާނެއެވެ. މީގެއިތުރުންވެސް ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންވާ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި، ކުޅިވަރާއި އިތުރު ހަރަކާތްތައް ހިންގޭނެ ވަޞީލަތްތައްވެސް މިތަނުގައި ހުންނާނެއެވެ.

ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ.

އެތަން ބާވެ ބޭނުންނުކުރެވޭވަރުވުމުގެ ސަބަބުން 2016ވަނަ އަހަރު ވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭންފަށާފައެވެ.