ޚަބަރު

ފުލުހުންގެ ޢުމްރާނީ ތަރައްޤީއަށް ހިންގާ އެންމެ ބިޔަ މަޝްރޫޢު ފަށައިފި


ދިވެހި ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ހިންގާ އެންމެބިޔަ އެއް މަޝްރޫއު މިއަދު ފަށައިފިއެވެ.

ޖުމްލަ 48 މިލިއަން އެމެރިކާ ޑޮލަރށްވުރެ ބޮޑު ޚަރަދެއް ހިންގާ މި ބިޔަ މަޝްރޫއަކީ އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެކެވެ. މިއީ ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ފުލުހުންގެ 89 އަހަރުވީ ތާރީޚުގައި ހިންގޭ އެންމެބިޔަ މަޝްރޫޢުއެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމަށް ކ.ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

އުމްރާނީ ތަރައްޤީގެ ބިޔަ މިމަޝްރޫގައި ހިމެނެނީ ދޫނިދޫގައި ކަސްޓޯޑިއަލް ފެސިލިޓީއެއް ގާއިމް ކުރުމާއި ވިލިމާލޭގައި 400 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން އިމާރާތެއް ހެދުމާއި ދ.ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒުގައި 100 މީހުންގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުމެވެ.

މީގެ އިތުރުން ގއ.ވިލިގިއްޔާއި ހދ.ދިއްދޫގައި ހުންނަ ޕޮލިސް ސްޓޭޝަންގައި އެކޮމޮޑޭޝަން އިމާރާތް ގާއިމް ކުރުމާއި ހދ.ކުޅުދުއްފުއްޓާއި ހައްދުއްމަތީ ގަމުގައި ހުންނަ ޕޮލިސް ސްޓޭޝަން ރީޖަނަލް ހެޑްކުއާޓަރަށް ބަދަލުކޮށް އެސަރަހައްދުތަކުގައި އިތުރު 5 ސެލްއެއް ގާއިމްކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 2ގެ ޕޮލިސް ސްޓޭޝަން ހެދުމާއޮ މާލޭގެ ގަލޮޅު ޕޮލިސް ސްޓޭޝަން ހެދުމުގެ އިތުރުން އަތޮޅު ފެންވަރުގެ އިތުރު 8 ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުންވެސް މި މަޝްރޫގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށު ފެންވަރުގެ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓެއްވެސް މި މަޝްރޫޢުގެ ތެރެއިން ގާއިމް ކުރެވިގެން ދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 48،176،529.00 އެމެރިކާ ޑޮލަރެވެ.