ޚަބަރު

ބ.އަތޮޅުގެ އިތުރު ދެ ސަރަހައްދެއްގެ މެނޭޖްމަންޓް ޕްލޭން މިއަހަރު އެކުލަވާލަނީ


ބ.އަތޮޅުގައި ޙިމާޔަތްކޮށް ބަލަހައްޓަމުންގެންދާ އިތުރު 2 ސަރަޙައްދެއްގެ މެނެޖްމަންޓް ޕްލޭން މިއަހަރު އެކުލަވާލައި ޢަމަލުކުރަން ފެށޭނެކަމަށް ބ.އަތޮޅު ބަޔޮސްފިއާ ރިޒާވްއިން ބުނެފިއެވެ.

އެއަތޮޅުގައި ޙިމާޔަތްކޮށް ބަލަހައްޓަމުންގެންދާ 10 ސަރަހައްދުގެ ތެރެއިން މެނޭޖްމަންޓް ޕްލޭނެއް ހަދައިންގެ މިހާރު ބަލަހައްޓަމުން ގެންދަނީ 3 ސަރަހައްދެކެވެ. އެއީ ގިނަ ޢަދަދަކަށް އެންމަޑިއަރާ ހަނިފަރުބޭ ހިމެނޭ ސަރަހައްދާ، ހޯރަ އަރާ އޮޅަގިރިއާ ޕިކްނިކް އޭރިއާގެ ގޮތުގައި ކަނޑައަޅާފައި އޮންނަ މެންދޫ ސަރަހައްދެވެ.

މިއަހަރު މެނޭޖްމަންޓް ޕްލޭން ހަދައިގެން ބަލަހައްޓަން ފަށާ ދެސަރަހައްދަނީ މިޔަރު ވިހާ އާލާވާ (ސާކް ނާސަރީ) "އަންގަފަރު" ސަރަހައްދާ "ގޮއިދޫ ކޯރު" ސަރަހައްދެވެ. އަންގަފަރު ވަށައިގެން ވާ ސަރަހައްދުތަކާ ގުޅިފައިވާ ތިލަތަކަކީ އެންމަޑިއާ ފެހުރެހިވެސް ފެންނަ ސަރަހައްދެކެވެ. އަދި އެއީ ބ.އަތޮޅުގެ ޑައިވަރުންނަށް ވަރަށް މަގްބޫލްމަންޒިލެކެވެ. އެތަނަކީ ބަޔޮސްފިއަރ ރިޒާވްގެ ކޯއޭރިއާގެ ތެރޭގައި ހިމަނާފައި އޮންނަ ސަރަހައްދެކެވެ.

މިހާރު އެތަން ބޭނުން ކުރަނީ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުންނާ ބައެއް ރިސޯޓްތަކުންނެވެ. މެނޭޖްމަންޓް ޕްލޭނެއްހަދައި ހިމާޔަތްކޮށް ބަލަހައްޓަން ފެށުމުން އެތަން ބޭނުން ކުރެވޭނެނީ ކޮންމެވެސް އަދަދެއްގެ ފައިސާއެއް ދައްކައިގެންކަމަށް ބަޔޮސްފިއަރިޒާވްއިން ވިދާޅުވެއެވެ. އެގޮތުން މެނޭޖްމަންޓް ޕްލޭނެއް ހެދި ހިމާޔަތްކޮށް ބަލަހައްޓަން ފެށުމުން އެތަންތަނަށް އެރޭނީ "އެކްސެސް ޕާމިޓް" ނުވަތަ ބަޔޮސްފިއަރ ރިޒާވްގެ ހުއްދައާ އެކުގައެވެ.

ގޮއިދޫ ކޯރު ސަރަހައްދަކީ އެއަތޮޅުގައި އޮތް އެންމެ ޗަސްބިން އަދި އެންމެ ބޮޑު ކުޅިއެވެ. ކަނޑާ ގުޅިފައި އޮންނަ މިތަން ހިމާޔަތް ކުރީ ކުޅި ވަށައިގެން ގިނަ އަދަދަކަށް ކަނޑޫ ގަސްތަކާ ރަނޑޫ ގަސް ހުންނާތީކަމަށް ބަޔޮސްފިއަރ ރިޒާވް އިން ވިދާޅުވެއެވެ. ރަނޑޫ ގަހަކީ ރާއްޖެއިން ނެތި ގޮސްދާނެ ކަމު ބިރު ހީވެފައިވާ ގަހަކަށް ވުމުން ސަރުކާރުން ރާއްޖޭގައި ހުރި މިފަދަ ތަންތަން އަންނަނީ ހިމާޔަތް ކުރަމުންނެވެ.

އިތުރު 10 އަހަރަށް ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ބ.އަތޮޅު ޔުނެސްކޯއިން ކަނޑައެޅިއިރު މިކަން ކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން ހިމާޔަތްކޮށް ބަލަހައްޓަމުން ގެންދާ 10 ސަރަހައްދު މިހާރަށްވުރެ ހަރުދަނާކޮށް ބެލެހެއްޓުމާ މެނޭޖްމަންޓް ޕްލޭން ނުހެދި ތަންތަނަށް މެނޭޖްމަންޓް ޕްލޭންހަދާ އެތަންތަން ރައްކާތެރިކަމާއެކު ބެލެއްހެއްޓުމަށް ޔުނެސްކޯއިން ވަނީ ބ.އަތޮޅު ބަޔޮސްފިއަރިޒާވްއަށް އަންގާފައެވެ.