ޓުއަރިޒަމް

ގޮންޖެހުންތަކާއެކުވެސް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ- ޒަމީރު


ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތަކާއެކުވެސް ފަތުރުވެރިން ގެނައުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫރަޕްގެ މަޝްހޫރު ޓީވީ ޗެނަލް ސީއެންބީސީއަށް ދެއްވި އިންޓަރވިއުއެއްގައެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް ގޮންޖެހުންތައް ހުރުމާއެކުވެސް އުންމީދު ކުރާވަރަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. ރާއްޖޭއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި މިއަހަރު ފާހަގަކުރާއިރު، އަމާޒަކީ އެކެއް ޕޮއިންޓް ފަހެއް މިލިއަން ފަތުރުވެރިން ގެނައުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމަށް ދޭއް ޕޮއިންޓް ހަތެއް އިންސައްތައިގެ ކުރިއެރުމެއް މިދިޔަ އަހަރުވެސް އައިސްފައިވާ ކަމަށެވެ. ރާއްޖޭގެ މައި އެއާޕޯޓް ބޮޑުކޮށް އައު ޓަރމިނަލް އެއް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާ، މިފަދަ ބިނާވެށީގެ މަޝްރޫއުތައް ފުރިހަމަ ވުމުން ކުރިޔަށް އޮތް ތިންއަހަރަށް ކަޑައަޅާފައިވާ އަމާޒަކީ ހަތެއް ޕޮއިންޓް ފަހެއް މިލިއަން ޓުއަރިސްޓުން ގެނައުން ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. އަދި މިވަގުތުވެސް ތިރީސް ރިސޯޓްގެ މަސްއަކަތް ކުރިޔަށްދާ ކަމަށާ މިތަންތަން ނިމި ހުޅުވާލުމުން ދަތިކަމެއް ނެތި އެއަދަދަށް ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މީގެ ދެއަހަރުކުރިން މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިގްތިސާދީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާ، އެހެންނަމަވެސް އެކަންކަން ކަޑައްތުކޮށް މިހާރު އަރައިގަނެވިފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.