ޚަބަރު

މާލޭގައި މިނީ ބަހުގެ ޚިދުމަތާއެކު ފުރަތަމަ 2 ހަފްތާގައި ދަތުރު ހިލޭ


މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށުމަށްފަހު ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖަައްސަވާނެކަމަށް އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ވީ އެންމެ އަވަހަކަށް މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާއި ކަމާ ގުޅުންހުރި ފާރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތަކީ އާންމުން ގަބޫލުކުރާ ފެންވަރަށް ދޭ ޚިދުމަތެއްގެ ގޮތުގައި ބޭއްވުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް ފެށުމުގެ ކުރިން ޤާއިމް ކުރަން ޖެހޭ ބަސްހުއްޓިތައް ހަރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާކަމަށެވެ.

މާލޭގައި ވީހާ އަވަހަކަށް މިނީ ބަހުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި ޚިދުމަތް ފެށުމަށްޓަކައި މަގުތަކަށް ބަދަލުގެންނަން ފަށާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. މިގޮތުން ބައެއް މަގުތަކުގައި ޕާކިން ޒޯންތައް ނެގުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ މާލޭގައިވެސް މިނީ ބަސް ފެށުމަށްފަހު ޓެސްޓް ދަތުރުތައް ކުރުމަށްޓަކައި ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެކަމަށެވެ. އަދި މި ބަސްތަކުން ސްކޫލްކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރޭވެނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީން މިހާރު ވަނީ ލ.އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފަަށާފައެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ.

މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިދިޔަމަހުގެ 16ވަނަ ދުވަހު އެމް.ޓީ.ސީ.ސީން ރާއްޖެއަށް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޚިދުމަތް ދިނުމަށް 12 ބަހެއް ބޭނުންކުރާނެއެވެ. އަދި ބާކީ 24 ބަސް، އަތޮޅުތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ. އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އަދި މިއީ ޑީސެލް ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައިވެސް ފަސޭހައިން ބަހަށް އަރައި ފޭބޭނެއެވެ.