ވިޔަފާރި

ފަތުރުވެރިކަމުގެ 364 ވިޔަފާރިއަކަށް އީޔޫގެ އެހީ ދީފި


ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަނުން ފޯރުކޮށްދޭ އެހީ މިހާތަނަށް 364 ވިޔަފާރިއަކަށް ދޫކޮށްފިއެވެ.

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމުގެ މަޤުޞަދުގައި އީޔޫއިން ވަނީ 2 މިލިއަން ޔޫރޯގެ އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައެވެ.

"އީޔޫ ސަޕޯޓް ފޯ އަ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ނަމުގައި ދޫކުރާ މި އެހީއަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ އެހީއެކެވެ.

މި އެހީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15ވަނަ ދުވަހުއެވެ. އަދި އެހީއަށް އެދުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 31ވަނަ ދުވަހެވެ. އިކޮނޮމިކް މިނިސްޓްރީން މި އެހީ ދޫކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއެވެ.

އެ ކޯޕަރޭޝަނުން ބުނީ މިމަހުގެ 4ވަނަ ދުވަހާއި ހަމައަށް އެހީގެ ގޮތުގައި ވިޔަފާރިތަކަށް 13,078,540.80 ރުފިޔާ (ތޭރަ މިލިއަން ހަތްދިހަ އަށްހާސް ފައްސަތޭކަ ސާޅީސް ރުފިޔާ އަށްޑިހަ ލާރި) ދޫކޮށްފައިވާކަމަށެވެ. މިއީ 286 ގެސްޓްހައުސްއަކަށް ދޫކޮށްފައިވާ 10,349,959.68 ރުފިޔާއެވެ. އަދި 59 ސަފާރީއަކަށް ދޫކޮށްފައިވާ 2,728,581.12 ރުފިޔާއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފައިވަނީ މި އެހީއަށް އެދި ހުށަހެޅޭނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި، ސަފާރީތަކަށެވެ. މި އެހީއަށް އެދި ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ޞައްހަ އޮޕަރޭޓިންގ ލައިސެންސެއް އޮވެ، 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތަކަށް ވުން ހިމެނެއެވެ.

އެހީއަށް އެދި ހުށަހެޅުމުގެ މަރުހަލާ އެމް.އެފް.އެމް.ސީގެ ފަރާތުން ވަނީ ވަރަށްވެސް ބޮޑަށް ފަސޭހަކޮށްދީފައެވެ. އެޕްލިކޭޝަނާއެކު ހުށައަޅަން ޖެހޭނީ ހަމައެކަނި ގެސްޓްހައުސް ހިންގުމުގެ ލައިސެންސުގެ އިތުރުން އެއް މަސް ދުވަހުގެ ދިވެހި ރުފިޔާ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓެވެ. އެގޮތުން މަޢުލޫމާތު ފުރިހަމަ އެޕްލިކޭޝަންތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެއެވެ.