ޚަބަރު

ނ. ފޮއްދޫ ސްކޫލުގައި 4 ކްލާސްރޫމުގެ އިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފި

ނ. ފޮއްދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެގޮތުން އެ ސްކޫލުގައި 4 ކްލާސްރޫމުގެ އިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮއްދޫ ސްކޫލުގައި އަލަށް ހަދާ ކްލާސްރޫމް އިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ނެކްސްޓަރ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޒްހިނެވެ.

ފޮއްދޫ ސްކޫލުގައި ތަރައްޤީކުރާ އައު ކްލާސްރޫމު އިމާރާތަކީ ޕީ.އެސް.އައި.ޕީ ބަޖެޓުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ނެކްސްޓަރ މޯލްޑިވްސްއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 110 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ރަށްރަށުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިވަގުތުވެސް ސްކޫލުތަކުގައި އައު ކްލާސްރޫމް އިމާރާތްތަކާއި، އޮފީސް އިމާރާތާއި، މަލްޓި-ޕަރޕަސް ހޯލްތައް ތަރައްޤީކުރުމުގެ އެތައް މަޝްރޫޢެއް އެކި ސަރަޙައްދުތަކުގައި ދަނީ ކުރަމުންނެވެ.