ޚަބަރު

ހުޅަނގު މޫސުމުގެ ނުތަނަވަސްކަމުން ސަލާމަތްވެ، ފޯކައިދޫގެ ރައްޔިތުންނަށް އަމާން ބަނދަރެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ މިއަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް ރައީސުން ދެއްވި ރިޔާސީ ބަޔާންތަކާއި އަޅާބަލާއިރު ތަފާތު އެއް ރިޔާސީ ބަޔާނެވެ. ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫޢުތައް ސީދާ ރައްޔިތު މީހާއާއި ގުޅިގެންދާގޮތުގެ އެތައް މިސާލުތަކެއް ދެއްވި ބަޔާނެކެވެ.

އެންމެ ކުޑަ މުސާރައިގެ ހެޔޮ އަސަރާ، ފެހެންދޫގައި ސްޓެލައިޓް ސްކޫލްގެ ޚިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުން ގޮއިދުއަށް ކުރަންޖެހުނު ދަތުރުތައް ނިމުމަށް ގެނެވުމުގެ އުފަލުގެ އިތުރުން، ހުޅަނގު މޫސުމުގައި ށ.ފޯކައިދޫގެ ރައްޔިތުން އުފުލި ތަކުލީފު ނިމުން ގެނައުމުގެ ވާހަކަތައް ހިމެނުނެވެ.

ރައީސް ވަޢުދުވެވަޑައިގަތީ މިއަހަރުގެ ޖޫން ޖުލައިގެ ވިއްސާރައިގެ ކުރިން، ރައްކާތެރި ބަނދަރަކަށް ފޯކައިދޫގެ ބަނދަރު ހައްދަވައިދެއްވުމެވެ.

"ބަނދަރެއްގެ ބޭނުމަކީ އެ ބަނދަރުގައި ދޯނި އެޅުމަށްފަހު، އޮޑިވެރިންނަށް ގެއަށް ގޮސް ހަމަ ނިދި ނިދާލަން ލިބުން. ފޯކައިދޫ ބަނދަރަކީ ވިލާގަނޑު ހެދީމައި ސަލާމަތްވާން ވަންނަ ބަނދަރެއް ނޫން. މިއީ ބިރުން އޮޑިއައިގެން ބަނދަރުން ނިކުންނަ ބަނދަރެއް. މި ޙާލަތު ޖޫންޖުލައިގެ ވިއްސާރައިގެ ކުރިން ބަދަލުކުރާނަން." މިއަހަރުގެ ފެބްރުއަރީމަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

މި ވަޢުދު ރަނުން ރަނަށް ފުއްދަވާ، ފޯކައިދޫގެ އޯޑިވެރިންނާއި ރައްޔިތުންނަށް މިއަދު މިވަނީ ރައްކާތެރި ބަނދަރެއް ލިބިފައެވެ. ޖޫން ޖުލައިގެ ވިއްސާރައިގައި އޮޑިދޯނިފަހަރުގެ ރައްކަލަަށް ހޭލާ ކަނޑުމަތީގައި ތިބެން ޖެހުނު ދުވަސް މާޒީވެ ހިނގައްޖެއެވެ.

ފޯކައިދޫގައި ބޭނުންކުރަމުން އައީ 2003ވަނަ އަހަރު ރަށުގައި ތަރައްޤީކުރި ބަނދަރެކެވެ. ސިމެންތި ބަސްތާ ޖަހައިގެން ހެދި މި ބަނދަރު އޮތީ މުޅިން ހަލާކުވެފައެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިވަގުތު ކުތިއަށްދަނީ ބަނދަރު ސަރުކާރާ ހަވާލުކުރުމުގެ މަރުޚަލާއެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް އަޙުމަދު އާސިފް ވިދާޅުވީ ބަނދަރުގެ މަސައްކަތަކީ ހަމައެކަނި ރަށަށް އަރާ ފޭބުމުގައި ލިބުނު ލުއިފަސޭހައެއް ނޫންކަމަށާއި، މިއީ ރަށަށް އިޤްތިޞާދީ އިތުރު ފުރުޞަތުތައްވެސް ފަހިވެގެންދާނެ ޕްރޮޖެކްޓެއްކަމަށެވެ.

"ވިޔަފާރި ހަރަކާތްތައް މުޅިންހެން ހުއްޓިފައި އޮތީ. ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކަން ވިއަސް، ސްލިޕްވޭއެއް އެޅުންވިއަސް، އައިސް ވިއްކުންވިއަސް މިކަންކަން ނުކުރެވި މިއޮތީ. ބަނދަރު މިއީ ހަމަ އިޤްތިޞާދީ ބޮޑު ކުރިއެރުމެއް. ބަނދަރު ސަރަޙައްދުން ވިޔަފާރި ބިންތައް ދެވި، އިޤްތިޞާދީ ބޮޑު ކުރިއެރުމެއް ލިބޭނެ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢު ވެގެންގޮސްފައިވަނީ ރަށުގެ ރައްޔިތުންގެ އުއްމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢުއަކަށެވެ. ރަށުގެ ރައްޔިތުން ހުޅަނގު މޫސުމުގެ 7 މަސްދުވަހުގެ ތެރެއިން ބޮޑުބައެއް މީގެ ކުރިން ހޭދަކުރަނީ ރަށުގެ ބަނދަރުން ލިބެންވާ ރައްކާތެރިކަން ނުލިބިއެވެ.

"ރަށު ބޭރަށްވުރެ ބަނދަތު ތެރެ ގަދަ. ބާންޏާ ރާޅު ވަދެ އޮޑިދޯނީގެ ވާތަށް ކެނޑި ބޮޑެތި ގެއްލުންތަކެއްވޭ. މިފަހަރުގެ މި ބާރު ވިއްސާރައިގައި އުޅަނދުތަކަށް ވަރަށް ރައްކާތެރިކަން ލިބުނު. މީގެކުރިން ގަދަ ދުވަސްވަރު ދޯނި ބަނދަރާ ކައިރި ނުކުރެވި، އޮޑިއަށް އަރަން ޖެހުނު ބޮކުރާގައި. އެކި ކަހަލަ ޙާދިސާތައް ހިނގާފައި އެބަހުރި." ރަށުގެ ރައްޔިތުން ކިޔައިދިނެވެ.

މި މަޝްރޫޢުގެ ދަށުން 464 މީޓަރުގެ މުޅިން އާ ބަނދަރެއް ރަށުގައި ވަނީ ތަރައްޤީކޮށްފައެވެ. މި ޕްރޮޖެކްޓްގައި ދެން ހިމެނެނީ 507 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޖެހުމާއި އަދި 40 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތެވެ. އަދި ޒަމާނީ މި ބަނދަރުގައި ބަނދަރު ބައްތި ޖެހުމާއި، ބަނދަރު ވަށައިގެން ޕޭމަންޓްވެސް ވަނީ ހަދާފައެވެ.