ތިލަމާލެ ބްރިޖް ފުރަތަމަ ތަނބުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފަށާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މިއީ ބްރިޖްގެ މައި ތަނބުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފަށާ ފުރަތަމަ ތަނބުކަމަށެވެ. މި ތަނބަކީ ތިލަމާލެ ބްރިޖް މާލެއާއި ހަމައިން ފެށިގެންދާ ފުރަތަމަ ތަނބެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވުން ޤާއިމުކޮށްފައިވަނީ ދެ ބަޔަކަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މާލެ-ވިލިމާލެ-ގުޅީފަޅު ގުޅާލުމުގެ މަސައްކަތެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ތަނބުގެ މަސައްކަތް ފަށާއިރު، އެއާ އެކުއެކީގައި ދެން ހިމެނޭ ސަރަޙައްދުތަކުގެ ފައިނަލް ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ.
ތިލަމާލެ ބްރިޖް މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުމުގެ މަސައްކަތް ކުރަނީ އެސް.ޓީ.އޯއިންނެވެ. ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމުގެ މަސައްކަތް އެސްޓީއޯއާއި ހަވާލުކޮށް އެކަމާއި ގުޅޭ އެއްބަސްވުމުގައި، އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑާ އެސް.ޓީ.އޯއާއި ދެމެދު ސޮއިކޮށްފައިވަނީ މޭމަހުގެ 12 ވަނަ ދުވަހުއެވެ.
ކޮންކްރީޓް ޓެސްޓުކުރުމުގެ މަރުހަލާތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ 2023 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.
ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.
މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ އިޤްތިޞާދީގޮތުން ގްރޭޓަރ މާލެ ސަރަޙައްދު ގުޅާލުމެވެ. އިޤްތިޞާދީ ބޮޑު ހަބަކަށް މި ސަަރަޙައްދުވެގެން އައުމެވެ. މިހާރު އެއްބަސްވުން ޤާއިމުކޮށްފައި އޮތީ ތިލަފުއްޓާއި ހަމައަށް ބްރިޖުން ގުޅާލުމަށެވެ.
ނަމަވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތިލަމާލެ ބްރިޖް ނިމޭނީ ގިރާވަރު ފަޅާއި ހަމައިންކަން ހާމަކުރައްވާފައެވެ. މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅާލެވޭނެކަމަށެވެ.
ރައީސް ޞާލިހު ވަނީ ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދިނުމަށް ނިންމާފައިވާކަންވެސް އިޢުލާންކުރައްވާފައެވެ. ސަރުކާރުންވަނީ ގުޅީފަޅުންވެސް ގޮތި ދިނުމަށް ނިންމާ، އެތަނުގައިވެސް މީހުން އާބާދުކުރުމަށް ނިންމާފައެވެ.
ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ.