ޚަބަރު

ކުރުދީންގެ ތެޔޮ ދަނޑުތަކަށް ޑްރޯން ބޭނުންކޮށްގެން ބަޔަކު ޙަމަލާ ދެނީ


ޢިރާޤުގެ ކުރުދިސްތާނުގައި ހުންނަ ގިނަ ތެޔޮ ދަނޑުތަކަކަށް ޑްރޯން ޙަމަލާތަކެއް އަމާޒުވުމާ ގުޅިގެން އެ ދަނޑުތަކުގައި ތެޔޮ އުފެއްދުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

ކުރުދިސްތާނުގެ ސަރަޙައްދީ ސަރުކާރު، ކުރުދިސްތާން ރީޖަނަލް ގަވަމަންޓް، ކޭއާރުޖީން ބުނީ ތިން ދުވަހުގެ މަތިން ދީފައިވާ ޑްރޯން ޙަމަލާތަުގައި ތެޔޮ ދަނޑުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަަމަށެވެ. އެ ޙަމަލާތައް ދިނީ ކޮން ބައެެއްކަން ސާފުނުވާއިރު މިހާތަނަށް އެއްވެސް ޖަމާޢަތަކުން އެ ޙަަމަލާތަކުގެ ޒިންމާ ނަގާފައެއް ނުވެއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

ކޭއާރުޖީގެ ޤުދުރަތީ ވަޞީލަތްތަކާގުޅޭ ވުޒާރާއިން ބުނީ ބޮން އަޅައި ޑްރޯންތަކެއް ބޭނުންކޮށްގެން ދީފައިވާ ނިރުބަވެރި ޙަމަލާތަކެއް ކުރުދިސްތާނުގެ ދުހޮކް ޕްރޮވިންސުގައި ހުންނަ ތަވްކޭ އާއި ޕެޝްކަބޫރާއި ޢައިން ސިފްނީ ތެޔޮ ދަނޑުތަކަށް ދީފައިވާ ކަމަށެވެ. އެ ޙަމަލާތައް ދީފައި ވަނީ އިޤްތިޞާދީ ބިނާރަށް ގެއްލުން ދިނުމަށާއި ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ އާންމުންނަށް ނުރައްކާ ކުރިމަތިކުރުވުމަށް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކުރުދިސްތާނުގެ ތެޔޮ ކުންފުންޏެއްކަމަށްވާ ގަލްފް ކީސްޓޯން ޕެޓްރޯލިއަމް (ޖީކޭޕީ)ން ބުނީ ކުރުދިސްތާނުގެ އެންމެ ބޮޑު އެއް ތެޔޮ ދަނޑުކަމުގައިވާ ޝައިޚަން ދަނޑުގައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތް، އެ ސަރަޙައްދުގައި ދެމުންދާ ޙަމަލާތަކުގެ ސަބަބުން މެދުކަނޑާލާފައިވާ ކަމަށެވެ. މަސައްކަތް ހުއްޓާލުމަށް ނިންމާފައި ވަނީ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ޖީކޭޕީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް ޙަމަލާތަކުގައި އެ ކުންފުނީގެ އެއްވެސް ހަރު މުދަލަކަށް ގެެއްލުން ލިބިފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޖީކޭޕީން ކުރިދިންސްތާނުގައި ތެޔޮ އުފެއްދުމުގެ މަސައްކަތް ކުރަނީ ކުރުދިސްތާނުގެ ސަރަޙައްދީ ސަރުކާތާ ގުޅިގެންނެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޕްރޮޑަކްޝަން ޝެއަރިންގ ކޮންޓްރެކްޓް (ޕީއެސްސީ)ގެ ދަށުން، ތެޔޮ ހޯދައި އުފެއްދުމުގެ މަސައްކަތުގެ 80 އިންސައްތަށް އެ ކުންފިނުން ޚަރަދުކުރާ ގޮތަށެވެ. އެ ގޮތުން ތެޔޮ ވިއްކައިގެން ލިބޭ ފައިދާއިން ސަރުކާރުގެ ޙިއްޞާއަށްވާ ބައި ނެގުމަށް ފަހު، ފައިދާގެ 80 އިންސައްތަ ލިބެނީ ތެޔޮ ކުންފުންޏަށެވެ.

ދޫހޮކް ޕްރޮވިންސުގެ ޒައްޚޯ ސަރަޙައްދުގައި ހުންނަ ތައުކޭ އަދި ޕެޝްކަބީރު ތެޔޮ ދަނޑުތައް ހިންގާ ނޯވޭގެ ގޭސް އަދި ތެޔޮ ކުންފުންޏެއް ކަމަށްވާ ޑީއެންއޯއިން ބުނީ އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތް ވެސް ވަގުތީގޮތުން މެދުކަނޑާލައިވާ ކަމަށެވެ. މަސައްކަތް މެދުކަނޑާލީ ގޮވުންތަކެއްގެ ސަބަބުން ކަމަށާއި، އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށެވެ. ތެޔޮ ދަނޑުތަކަށް ލިބިފައިވާ ގެއްލުންތައް މިހާރު ވަޒަންކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ތެޔޮ އުފެއްދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޙަމަލާ އަމާޒުވި ތިންވަނަ ތެޔޮ ދަނޑުކަމުގައިވާ ޢައިން ސިފްނީއަކީ އެމެރިކާގެ ހަންޓް އޮއިލް ކުންފުނިން ހިންގާ ތެޔޮ ދަނޑެކެވެ. އެ ދަނޑަށް ލިބިފައިވާ ގެއްލުމުގެ ތަފްޞީލް ހާމަކޮށްފައެއް ނުވެއެވެ.