ޚަބަރު

ޖޫން މަހު ގްރީން ފަންޑުން 38 މަޝްރޫއަކަށް 51 މިލިއަނަށްވުރެ ގިނަ ރުފިޔާ


މިދިޔަ ޖޫން މަހުގެތެރޭގައި ގްރީން ފަންޑުން 38 މަޝްރޫއަކަށް 51 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު 38 މަޝްރޫޢަކަށް ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. މީގެތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މަޝްރޫއުތައް ހިމެނެއެވެ.

ޖޫންމަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމްކުރުމަށެވެ. އެ މަޝްރޫއަށް ގްރީން ފަންޑުން 7،225،829.68 (ހަތް މިލިއަން ދެލައްކަ ފަންސަވީސް ހާސް އަށް ސަތޭކަ ނަވާވީސް ރުފިޔާ ފަސްދޮޅަސް އަށް ލާރި) ވަނީ ހޭދަކޮށްފައެވެ.

2 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށެވެ. މި މަޝްރޫއަށް ޖުމްލަ 6،727،343.63 (ހަ މިލިއަން ހަތް ލައްކަ ހަތާވީސް ހާސް ތިން ސަތޭކަ ސާޅީސް ތިން ރުފިޔާ ފަސްދޮޅަސް ތިން ލާރި) ވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖޫންމަހު ގްރީން ފަންޑުން 3 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މ. ނާލާފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތަށެވެ.

އެ މަޝްރޫއަށް ޖުމްލަ 6،361،769.68 ( ހަ މިލިއަން ތިން ލައްކަ ފަސްދޮޅަސް އެއްހާސް ހަތް ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ފަސްދޮޅަސް އަށް ލާރި) ވަނީ ޚަރަދުކޮށްފައެވެ.

މިދިޔަ މެއިމަހު ގްރީން ޓެކްސްގެ ގޮތުގައި 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑް ރިޕޯޓުން ދައްކައެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެެވެ.