ޚަބަރު

ރާއްޖޭގައި ކޯވިޑް ކޭސްތައް އަނެއްކާވެސް ދަށަށް

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ޢަދަދުތައް އަނެއްކާވެސް ދަށަށް ދާން ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ހަފްތާގައި ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 394 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 އިން 23 އަށް ރާއްޖޭން ކޯވިޑް ޕޮޒިޓިވްވެފައިވަނީ 394 މީހުންނެވެ.

މީގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 69 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 236 މީހެއްގެ އިތުރުން އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވި 89 މީހަކު ހިމެނެއެވެ. މިއީ ޖުލައި މަހުގެ ވޭތުވެދިޔަ 3 ހަފްތާއާއި އަޅާބަލާއިރު ދަށްވުމެކެވެ. ޖޫން މަސް ނިމި ޖުލައިމަސް ފެށުނުއިރު، ރާއްޖޭގައި ކޯވިޑް ޢަދަދުތައް ހުރީ 1000 މަތީގައެވެ.


ކޯވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން ޢަދަދުތައްވެސް މިހާރު ވަނީ މަޑުމަޑުން ދަށްވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޑްމިޓްކޮށްފައިވަނީ 28 މީހުންނެވެ. އޭގެ ކުރީ ހަފްތާގައި މި ޢަދަދު ހުރީ 35 ގައެވެ. އަދި ޖުލައި މަސް ފެށުނުއިރު މި ޢަދަދު ހުރީ 54 ގައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 184،302 އަށް އަރާފައެވެ. އަދި ރާއްޖެއިން މިބަލީގައި މިހާތަނަށް 307 މީހަކު ނިޔާވެފައިވެއެވެ.

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވެފައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ޢަދަދުތައް އިތުރުވާނެތީ، ކޯވިޑުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވާފައިވެއެވެ. އެގޮތުން ބަލީގެ އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޓެސްޓުކުރުމަށާއި، ބަލި ފެތުރުމަށް މަގުފަހިވާ ކަންކަމުން ދުރުވުމަށް އެ އެޖެންސީން ނަސޭޙަތްތެރިވެއެވެ.

ވަކިން ޚާއްސަކޮށް މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނިކުންނައިރު މާސްކް އެޅުމަށާއި، އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.