މި ޖުލައިމަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި، ގޯތިގެދޮރާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާފަދަ ގެއްލުންތަކެއް ރާއްޖޭގެ 9 ރަށެއްގެ 96 ގެއަކަށް ލިބިފައިވާކަމަށް ނެޝެނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.
އެން.ޑީ.އެމް.އޭއިން ވިދާޅުވީ، ޖުލައި މަހު މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ވައިގަދަވެ އަދި އުދައެރުމުގެ ސަބަބުން ޖުލައި 23 ވަނަ ދުވަހާއި ހަމައަށް 9 ރަށަކުން 261 ޑެމޭޖް އެސެސްމެންޓް ރިޕޯޓް ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރޭގައި ނިސްބަތުން ގިނައިން ދެކުނު ރަށްތަކެވެ. އަދި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ ގދ. ހޯނޑެއްދޫއިންނެވެ.
އެން.ޑީ.އެމް.އޭއަށް މިހާތަނަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު 9 ރަށެއްގެ 96 ގެއަކަށް ގެއްލުން ލިބިފައިވާކަމަށް ދައްކާއިރު، މިއީ ޖުމްލަ ލިބުނު އެސެސްމެންޓް ފޯމުތަކުގެ %40 އެވެ.
- އައްޑޫ ސިޓީ މަރަދޫ - 8 ގެއެއްގެ ފޯމު
- އައްޑޫ ސިޓީ މަރަދޫފޭދޫ - 20 ގެއެއްގެ ފޯމު
- ށ. ބިލެއްފަހި - 2 ގެއެއްގެ ފޯމު
- ގދ. ރަތަފަންދޫ - 8 ގެއެއްގެ ފޯމު
- ތ. ތިމަރަފުށި - 61 ގެއެއްގެ ފޯމު
- ގދ. މަޑަވެލި - 67 ގެއެއްގެ ފޯމު
- ހދ. ވައިކަރަދޫ - 2 ގެއެއްގެ ފޯމު
- ގދ. ފިޔޯރީ - 11 ގެއެއްގެ ފޯމު
- ގދ. ހޯނޑެއްދޫ - 82 ގެއެއްގެ ފޯމު
ބޯކޮށްވާރޭވެހުމާއި އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަކުރެވެނީ ދަނޑުވެރިންނަށްކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް އެ އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ ތެރެއިން 4 ރަށަކުން، 110 ގޭ ބިސީއަކުން ބަލަހައްޓާ ދަނޑު ބިންތަކަށް ގެއްލުން ލިބިފައިވާކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ. މިއީ ޖުމްލަ ލިބުނު އެސެސްމެންޓް ފޯމުތަކުގެ %46 އެވެ.
ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އާމްދަނީ ހޯދުމަށް ހައްދާ ބާވަތްތައްކަމަށްވާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބުގަސް މަރުވެގެން ރިޕޯޓުކޮށްފައިވެއެވެ. ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ފޯމު ފޮނުވާފައިވަނީ ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ، ގދ. ފިޔޯރީ އަދި ތ. ތިމަރަފުށިންނެވެ.
މީގެ އިތުރުން ވިޔަފާރިއާއި ސަރުކާރު ޢިމާރާތްތަކާއި އިޖްތިމާޢީ ޢިމާރާތްފަދަ އެހެނިހެން ތަންތަނަށް ގެއްލުން ލިބިފައިވާކަމަށް %14 ފޯމުގައި ފާހަގަކޮށްފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ މަޢުލޫމާތު ފުރިހަމަ ރަށްތަކަށް ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުޞޫލުގެ ތެރެއިން އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެން.ޑީ.އެމް.އޭއިން ދަނީ ކުރަމުންނެވެ. އަދި ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަ ނޫން ބައެއް ފޯމުތަކުގެ މަޢުލޫމާތު ފުރިހަމަށް ކުރުމަށް ކައުންސިލުތަކަށް ވަނީ ފޮނުވާފައެވެ.
ޖުލައި މަހުގެ މިހާތަނަށް އައިއިރު އެންމެ މޫސުންގޯސްކަމަށް ފާހަގަކުރެވުނީ މަހުގެ ކުރީކޮޅުގައެވެ. އެހެންނަމަވެސް އެދުވަސްކޮޅު ގެއްލުން ލިބުނުކަމަށް ރިޕޯޓުކުރި ގިނަ ޢަދަދެއްގެ ރަށްތަކުން އަދިވެސް ޑެމޭޖް އެސެސްމެންޓް ފޯމު ފޮނުވާފައިނުވާކަން އެން.ޑީ.އެމް.އޭއިން ފާހަގަކުރެއެވެ. އަދި ބައެއް ރަށްތަކުން މި ފޯމު ފޮނުވުމުގައި ލަސްތަކެއް ދިމާވެފައިވާކަން އެ އެތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.