ޚަބަރު

ޤަވާއިދާއި ހިލާފަށް ބައެއް ފަރާތްތަކުން ދަނީ އަމަލުކުރަމުން: އީޕީއޭ


ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ދޫކުރާ ހުއްދަތަކާއި އެއްގޮތަށް މަސައްކަތްތައް ކުރުމަށް އެ އެޖެންސީން އިލްތިމާސްކޮށްފިއެެވެ.

އީޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ޤަވައިދުގެ ޖަދުވަލު "ރ"ގައި ބަޔާންކޮށްފައިވާ ގޮތަށް ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުށައަޅަންޖެހޭ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މޮނިޓަރިން ރިޕޯޓްތައް ބައެއް ކޮންޓްރެކްޓަރުން ޤަވައިދުން ހުށައަޅަމުން ނުދާކަމަށެވެ. އަދި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އީޕީއޭއިން ދޫކުރަމުންދާ ހުއްދަތަކުގައި ބުނެފައިވާގޮތަށް މަޝްރޫޢުގެ މަސައްކަތް ފެއްށުމަށްފަހު ފެށި ތާރިޚް އެ އެޖެންސީއަށް ބައެއް ފަރާތްތަކުން ލިޔުމުން އަންގަމުން ނުދާކަމަށްވެސް ބަޔާނުގައި ބުންޏެވެ.

އީޕީއޭއިން ބުނީ މަސައްކަތްކުރުމުގައި މޫސުމީ ސަމާލުތަކަށް ބަލައި މަސައްކަތް ހުއްޓާލަން ޖެހޭ ހާލަތްތްތަކުގައިވެސް ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްގެންދަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ދޫކުރާ ހުއްދަތަކާއި އެއްގޮތަށް މަސައްކަތްތައް ކުރުމަށް އީޕީއޭއެ ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭއިން މިގޮތަށް އަންގާފައިވާއިރު އައްޑޫ ސިޓީ ހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތް ހުއްޓާލުމަށް އީޕީއޭއިން އެންގީ މިމަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް ތައްޔާރު ކުރި ރިޕޯޓާއި ޙިލާފަށް މަސައްކަތް ކުރިއަށްގެންދާކަމަށް ބުނެއެވެ. އެގޮތުން މަސައްކަތުގެ ތެރެއިން ހުއްޓުވާފައިވަނީ ކޮނުމުގެ މަސައްކަތާއި، ބިން ހިިއްކުމުގެ މަސައްކަތެވެ.