ދުނިޔެ

ކޮލޮމްބިއާގެ 2116 މާބަނޑު އަންހެނަކަށް ޒިކާ ވައިރަސް ޖެހިފައި


ކޮލޮމްބިއާގެ ދެހާސް އެއްސަތޭކައަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ޒިކާ ވައިރަސް ޖެހިފައިވާކަމަށް އެޤައުމުގެ ސިއްޙަތާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.ކޮލޮމްބިއާގެ ސިއްޙަތާ ބެހޭ އިދާރާއިން މިކަމާގުޅިގެން އާންމުކުރި މަޢުލޫމާތުގައި އެޤައުމުގެ ވިހިހާސް ދުވިސްތައް އަށްވުރެ ގިނަ މީހުންނަށް މިބަލީގެ އަސަރުކޮށްފައިވާ ކަން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެތެރޭގައި 2116 މާބަނޑު އަންހެނުން ހިމެނެއެވެ.އީޑީސް މަދިރިން ފެތުރޭ ޒިކާ ވައިރަހަކީ ފުރާނައަށް ގެއްލުންވާ ފަދަ ވައިރަހެއް ނޫން ނަމަވެސް މާބަނޑު މީހުންގެ ހަށިގަނޑަށް މި ވައިރަސް ވަނުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑިއަށް އޭގެ އަސަރު ކޮށް ސިކުޑި ޢައިބުވުމަށް މެދުވެރިވެއެވެ. މިވައިރަހަށް އަދި އެއްވެސް ވެކްސިނެއް ނުވަތަ ޝިފާއެއް ހޯދިފައެއް ނުވެއެވެ.މީގެކުރިން ކޮލޮމްބިއާގައި މިބަލި ހުރިކަމަށް ބެލެވުނީ 13500 މީހުންގެ ގައިގައެވެ. އޭގެ ތެރޭގައި 560 މާބަނޑު އަންހެނުން ހިމެނެއެވެ. އެހެންނަމަވެސް މިބަލީގެ ސަބަބުން ކޮލޮމްބިއާގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. ކޮލޮމްބިއާ ސަރުކާރުން ވަނީ ޒިކާ ވައިރަސްއިން ސަލާމަތްވުމަށް ދަރިން ހޯދުން ހަމަހާ އަށްމަސްދުވަހަށް ލަސްކޮށްލުމަށް އިލްތިމާސްކޮށްފައެވެ.މިވައިރަސްގެ އަސަރު އެންމެ ގަދައަށް ކޮށްފައިވަނީ ބްރެޒިލަށެވެ. އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގެ ތޭވީސް ޤައުމަކުން ޒިކާ ވައިރަސް ވަނީ ފެނިފައެވެ. ދުނިޔޭގެ ސިއްޙަތާއި ބެހޭ އިދާރާއިން ލަފާކުރާގޮތުގައި ހަތަރު މިލިއަން މީހުންނަށް މިހާރު ވަނީ މިބަލި ޖެހިފައެވެ.