ދުނިޔެ

ފަލަސްޠީނުގެ ދަޢުލަތް ބަލައިގަތުމާއި މެދު ފްރާންސްއިން ވިސްނަނީ !


ފަލަސްތީނާއި އިސްރާއިލްގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ނުކުރެވޭނަމަ، ފަލަސްތީނުގެ ދަޢުލަތް ރަސްމީ ގޮތުން ބަލައިގަތުމާއި މެދު ފަރަންސޭސިވިލާތުން ނިންމުމެއް ނިންމާނޭކަމަށް އެގައުމުން ބުނެފިއެވެ.ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ލޮޣޯ ފަބިއޯސް ވިދާޅުވީ ދެ ދައުލަތެއްގެ ސުލްހައަށް އެއްބަސްވެގެން ނޫނީ ފަލަސްތީނު އިސްރާއިލްގެ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށެވެ. އަދި، އިސްރާއިލުން ފަލަސްތީނުގެ ބިންތައް ނުހައްގުން ފޭރޭހާ ހިނދަކު މައްސަލަ ހައްލުނުވާނޭ ކަމަށްވެސް ގިނަ އެނަލިސްޓުން ވަނީ އެއްބަސްވެފައެވެ.ދާދި ފަހުން، އދ ގެ ސެކެޓްރީ ޖެނެރަލް ބަން ކީ މޫންވެސް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ބަންކީ މޫން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން "ހާއްސަކޮށް ޒުވާނުން" އިސްރާއީލް ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކަކީ "އެހެންގޮތެއް ނެތުމުގެ ސަބަބުން" ދެމުންދާ ހަމަލާތަކެއް ކަމަށެވެ.ފަބިއޯސް ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކަށް އިސްކަންދޭންޖެހޭކަމަށާއި އެކަމަށް ފުރުސަތު ނުދޭނަމަ، ހައްދުފަހަނަ އެޅުމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދިޔުން އެކަށީގެންވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިސްރާއިލާއި ފަލަސްތީނާއި އެމެރިކާގެ ވަފުދުތަކުގެމެދުގައި މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، މި މަޝްވަރާތަކުން މައްސަލައަށް ހައްލެއް ނުލިބޭނަމަ، ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ފަރަންސޭސިވިލާތުން ނިންމާނޭ ކަމަށް ފެބިއޯސް ވިދާޅުވިއެވެ.އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އާދައިގެ މަތިން މި ނިންމުމަށް ފާޑުވިދާޅުވެފައެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވަނީ ފަރަންސޭސިވިލާތުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ފަރަންސޭސިވިލާތުން ބަލައިގަތުމަކީ މިމައްސަލައަށް ލިބޭނެ ހައްލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.