ޚަބަރު

ހިތާދޫ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އޯގަސްޓްމަހަށް ނިމޭނެ


ބ.އަތޮޅު ހިތާދޫގައި ސަރުކާރުން ޤާއިމް ކުރާ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އޯގަސްޓްމަހަށް ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓެކްޓަރާއި ހަވާލާދީ އެރަށު ކައުންސިލުން ބުނެފިއެވެ. ހިތާދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައެވެ. މި މަސައްކަތް އެރަށުގައި ކުރަނީ އިންޑިއާގެ މޯހަން މުތާ ކުންފުނިންނެވެ. މި މަސައްކަތް ނިންމޭނެ ކަމަށް އެންމެ ފުރަތަމަ ލަފާކުރީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހަށެވެ. މިމަސައްކަތް ދިގުލައިގެން ދިޔައީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ބޭރުން ގެންނަން ޖެހޭ ބަައެއް ސާމާނު ނުލިބުމުންނާއި މަސައްކަތްތެރިން ރާއްޖެއިން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކާ ހުރެއެވެ.

މިދެ މަސައްކަތުގެ ތެރެއިން ނަރުދަމާ މައި ހޮޅިވަޅުލައި ނަރުދަމާ ހޮޅިވަނީ ގެތަކަށް ވައްދާފައެވެ. އަދި ޖަންގްޝަންތައް ބަހައްޓައި ހޮޅިތައް ގުޅުމުގެ މަސައްކަތް އަންނަ ޖުލައި މަސްތެރޭގައި ފެށޭނެ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ނަރުދަމާ ނިޒާމްގެ މަސައްކަތަށް ބޭނުންވާ ޕަންޕިން ސްޓޭޝަންތައް ޤާއިމްކޮށް ސީއައުޓް ފޯލް އަޅާ ވަނީ ނިންމާފައެވެ.

ފެނުގެ މަޝްރޫއުގެ ދަށުން މައިހޮޅިވަޅުލުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި އާރުއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ 85 އިންސައްތަ މަސައްކަތްވެސްވަނީ ނިމިފައެވެ. އަދި ފެން އުފެއްދުމަށް ބޯހޯލް ތޮރުފާ ފެން ރައްކާކުރުމަށް ބަހައްޓާ ތާންގީތަކުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި ފެން މީޓަރުތައް ލިބުމުން ޖުލައި މަސްތެރޭ މީޓަރުތައް ބެހެއްޓުމުގެ މަސައްކަތް ފެށޭނެކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ބ.ހިތާދޫގެ ބައެއް ސަރަހައްދުތަކުން ނަގާ ފެނަކީ އެއްވެސް ބޭނުމަކަށް ރަނގަޅު ފެނެއް ނޫންކަމަށް ވަނީ މީގެކުރިންވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިކަމަށް އެދެވޭ ހައްލެއް ލިބުމަކީ އެރަށު ރައްޔިތުން މިހާރު ކުރަމުންދާ އެންމެ ބޮޑު އުންމީދެވެ.