ޚަބަރު

ޤައުމީ ޤުރުއާން މުބާރާތް ޑިސެމްބަރު މަހު


ކީރިތި ޤުރްއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް އަންނަ ޑިސެމްބަރުމަހު ބޭއްވުމަށް ނިންމައިފިއެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ކޮންމެ އަހަރަކު ބާއްވަމުންގެންދާ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް، ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން އަންނަ އަހރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް މާލޭގައެވެ.

މިއހަރުގެ މި މުބާރާތްވެސް 3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހާފިޒުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާ މުއައްސަސާތަކުގެ ބައިންނެވެ. ސްކޫލް ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.އަދި އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލުންނެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތައް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. މިގޮތުން މުއައްސަސާތައް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުން 6 ވަނަ ދުވަހަށެވެ. އަދި ބައިވެރިން ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަނީ އޮކްޓޫބަރު މަހުގެ 16 އިން 26 ވަނަ ދުވަހަށެވެ.

މި މުބާރާތުގައިވެސް ކޮންމެ ބަޔަކުން 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ އަށްދާ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމްދެއްވާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.