ޚަބަރު

ޔޯގާ ހަމަނުޖެހުން ހިނގީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުން: ފުލުހުން


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމަކީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއެއްގެ ސަބަބުން ހިނގި ކަމެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިދިޔަ އަންގާރަދުވަހު ހެނދުނު 06:30ގައި ބޭއްވި ޙަރަކާތާ ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. އަދި ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށްވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ.

މިހާދިސާގައި ކަން ހިނގައިދިޔަ ގޮތް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިއްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށާ، ނަމަވެސް މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތް މިހާރު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީއަށްވެސް ޖަވާބުދާރީ ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިބައްދަލުވުމުފައި ވާހަކަދައްކަވަމުން އެސިއްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިހަރަކާތާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހާތަނަށް 21 މީހަކު ގެނެސްފައިވާކަމަށެވެ. އަދި މިހާތަނަށް މިހާދިސާގައި އަނިޔާވެރި ޢަމަލު ހިންގައިގެން ހޯދަން ބޭނުންވާ 4 މީހަކު ހޯދަމުންދާކަމަށް ރިޔާޒު ވިދާޅުވިއެވެ.

ޤާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި ފުލުހުންނަށް ހެދޭ ގޯސްތައް ރަނގަޅުކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރިޔާޒުވަނީ ދެއްވާފައެވެ.