ޚަބަރު

މޭރީގެ މަރުގެ މައްސަލަ: މާވިންއާ ދެކޮޅަށް 110 ހެކި


މިދިޔަ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލާފައިވާ، އައިޖީއެމްއެޗުގެ ނަރުސް، މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާއާ ދެކޮޅަށް 110 ހެއްކެއް ދައުލަތުން ހުށަހަޅައިފިއެވެ.

އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލި މޭރީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. އޭރު އޭނާ ބުނީ މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީކަމަށެވެ. މޭރީގެ މަރުގެ މައްސަލާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައި ވާގޮތުން މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިންއާއި އޭނާ ލޯބިވެރިޔާ ޅ.ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ވަނީ ފަށާފައެވެ. މިދެމީހުންގެ މައްސަލަވެސް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. މިއަދު ބާއްވަން އޮތް ލަމްހާގެ މައްސަލައިގެ ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް އިތުރު 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް 110 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި 74 ހެކިވެރިންވެސް ހިމެނެއެވެ. މިމައްސަލާގައި މާވިންއާއި މޭރީގެ ދަރިފުޅުގެ އެސެސްމެންޓް ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅަން ދައުލަތުން ބޭނުންވިޔަސް މިހާތަނަށް ރިޕޯޓް ހުށަހަޅާފައިނުވެއެވެ. އެކުއްޖާ މިހާރު ދިރިއުޅެމުންދަނީ ފިލިޕީންސްގައި ކަމަށްވުމުން ރިޕޯޓް ހެދުމަށް ވަގުތު ނަގާކަމަށް ދައުލަތުން ވަނީ މިއަދުގެ އަޑު އެހުމުގައި ބުނެފައެވެ. މިމައްސަލަ ބައްލަވާ ޤާޟީ ވަނީ އިބްތިދާއީ ބަހުސް ނިމެންވާއިރަށް ރިޕޯޓް ނުލިބިއްޖެނަމަ، އިތުރު ފުރުސަތު ނުދޭން ނިންމާފައެވެ. މިމައްސަލާފައި ޤާޞީވަނީ ދިފާއުން ހުށަހަޅާ ހެކިތަން ލިޔުމުން ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

މޭރީ މަރާލިކަމުގެ ކުށް މާވިންއަށް ސާބިތުވެއްޖެނަމަ، އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އަދި ލަމްހާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ލަމްހާގެ މައްޗަށް 6އަހަރާއި 4މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.