ޚަބަރު

ޤާނޫނު އިޞްލާހުކޮށްގެންވިޔަސް "އިންޑިއާ އައުޓް" ހުއްޓުވަން ފާސްކޮށްފި


އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާ ގުޅުންހުރި ޤާނޫނުތައް އިޞްލާހުކުރުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި މިރިޕޯޓް ފާސްވީ 32 މެންބަރުންގެ ވޯޓުންނެވެ.

އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ހިންގާ ހަރަކާތަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ޤަބޫލުކުރެއްވޭކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

މި މައްސަލަ ދިރާސާކޮށް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ މައިގަނޑު 24 ހޯދުމެއް ހިމަނާފައެވެ. އޭގެތެރޭގައި އިންޑިއާ އައުޓްގެ ނަމުގައި ސޯޝަލް މީޑިއާގައި ބޭނުންކުރެވޭ ތަފާތު އިބާރާތްތަކުގެ ސަބަބުން، ނުވަތަ ކަންތައް ކުރެވޭ ގޮތުން އެކި އިންޒާރުދީ އަނިއާވެރިކަމަށް ގޮވާލެވޭގޮތަށް ކަންކަން ވަމުންދާކަން ފާހަގަކުރެވޭކަމަށާ، އެއީ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ނިކަމެތިކަމެއް ކުރިމަތިވެދާނެ ކަމެއްކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފާހަގަކުރައްވާފައިވާކަމަށް ރިޕޯޓްގައިވެއެވެ.

އިންޑިއާ އައުޓުގެ ނަމުގައި ހިންގާ ޙަރަކާތުގެ ސަބަބުން ބޭސްފަރުވާއާއި، އެނޫންވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށްދާ ދިވެހިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފާހަގަކުރައްވާފައިވާކަމަށްވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ. ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި މި ރިޕޯޓްގައި މިޙަރަކާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރައްޔިތުންނަށް ބޮޑެތި ގެއްލުންވާފަދަ ކަންކަން ކުރަމުންދާކަމަށާ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި، ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ސަލާމަތަށް އޭގެ ނުރަނގަޅު އަސަރު ފޯރުމަކީ ވަރަށްބޮޑަށް އެކަށީގެންވާކަމެއްކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ އަމަންއަމާންކަމަށް ބުރޫއެރުން ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ފަރާތުން އަޅަމުންދާ އެކި ފިޔަވަޅުތަކަށް، މި ޙަރަކާތުގައި ބައިވެރިވާ ފަރުދުންގެ ފަރާތުން ނުކިޔަމަންތެރިވުންފަދަ ކަންކަމާ ކުރިމަތިލާންޖެހޭކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން މިޙަރަކާތުގެ ތެރޭގައި ތަފާތު އެކި ކުށްކުރުމުގެ ރެކޯޑް އޮންނަ މީހުން ޙަރަކާތްތެރިވަމުން ދާކަން ފާހަގަކުރެވޭކަމަށާ، އެކަމުގެ ސަބަބުން ނުރައްކާތެރި ޢަމަލުތައް ހިނގުން ގާތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަމަށާއި ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ސަލާމަތަށް ނުރަނގަޅު އަސަރުތަކެއް ފޯރުން ވަރަށް އެކަށީގެންވާކަމަށްވެސް ފުލުހުން ކޮމިޓީގައި ވިދާޅުވެފައިވެއެވެ. އަދި މި ޙަރަކާތަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތްއި ރައްކާތެރިކަމަށް ގެއްލުންވާ ގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީފެނުނު އެންމެ ނުރައްކާތެރި ކެމްޕެއިންކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ކޮމިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ސަރުކާރުން ނިންމަވާފައިވެސްވަނިކޮށެވެ. ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ އަމަންޢާންމާއި، ރައްކާތެރިކަމާއި، އަޚްލާޤީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚަރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުންކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ ޢަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަކީވެސް އެ އިސްލާހުގެ މަޤްޞަދެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.