ޚަބަރު

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މައްކާއަށް


މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަައުދީ އަރަބިއްޔާއަށް ފުރި ފުރަތަމަ ގުރޫޕް ޙައްޖުވެރިން މައްކާއަށް ގޮސްފިއެވެ.

މާލެއިން ރޭ ފުރި ޙައްޖުވެރިން ސައުދީ އަރަބިއްޔާގެ ޖިއްދާ އެއަރޕޯޓަށް ދިއުމާއެކު މިހާރު ވަނީ ޙައްޖުވެރިން ތިބެން ހަމަޖެހިފައިވާ ހޮޓާތަކަށް ގެންގޮސްފައެވެ.

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ 156 މީހުން ޖިއްދާއަށް އެއަރޕޯޓަށް ގޮސްފައިވަނީ ސައުދީ ގަޑިން ރޭ ދަންވަރު 3:00 ޖެހިއިރުއެވެ. އެއީ ރާއްޖެ ގަޑިން ފަތިހު 5:00 ޖެހިއިރުގައެވެ.

ދިވެހި ޙައްޖުވެރިން ޖިއްދާ އެއަރޕޯޓަށް ދިއުމުން ޙައްޖުވެރިންނަށް މަރުހަބާ ދެންނެވީ ދިވެހި ޙައްޖު މިޝަންގެ ރައީސް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނިލްއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކޮންސަލް ޖެނެރަލް ޝައިޚް ޙުސައިން
ރަޝީދު އަޙްމަދުއެވެ.

ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ރޭ ފުރާފައިވާއިރު މިމަހުގެ 29ވަނަ ދުވަހުގެ ފްލައިޓުން 175 ޙައްޖުވެރިން އަދި ޖުލައި 2ވަނަ ދުވަހު އޮންނަ ފްލައިޓުން 115 ހައްޖުވެރިން ފުރާނެއެވެ.

ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށްޓަކައި ކޯޓާގެގޮތުގައި މިއަހަރު ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 100 ޖާގައަށް މީހުން ހޮވާފައިވަނީ ޢާއްމުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އަދި ބާކީ ޖާގަތަކަށް މީހުން ނެގީ ޙައްޖު ކޯޕަރޭޝަންގެ ކިއު ތަރުތީބުންނެވެ.

މިއަހަރު ޙައްޖަށް ދާ ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ފަރާތްތައް ދިރިއުޅޭ ސަރަޙައްދުތަކާ ކައިރިން ވަނީ ޚާއްސަ ޕޮއިންޓްތަކެއް ކަނޑައަޅާ އެއަރޕޯޓަށް ދިޔުމަށް ބަހުގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. ޙައްޖާޖީންނަށް އެހީތެރިވުމަށްޓަކައި ބަސް އޮންނަ ޕޮއިންޓްތަކުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މޯލްޑިވްސް ގަރލްގައިޑް އެސޯސިއޭޝަނާއި، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުން ހަރަކާތްތެރިވެއެވެ. މިގޮތުން ޙައްޖުވެރިން ގެންދިއުމަށް މާލޭގައި 21 ބަސް ސްޓޮޕް، ހުޅުމާލެ ފޭސް 1 ގައި 4 ބަސް ސްޓޮޕް، ހުޅުމާލެ ފޭސް 2 ގައި 1 ބަސް ސްޓޮޕް ވަނީ ޤާއިމްކޮށްފައެވެ.

އަދި ޙައްޖާޖީންނާއެކު ބަސްތައް ދަތުރުކުރަމުންދާއިރު މިބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަަނީ ޓްރެފިކް ބަލަހައްޓާފައެވެ.


ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން 850،000 މީހުންނަކީ އެހެނިހެން ޤައުމުތަކުގެ މީހުންނެވެ. އަދި ސަޢުދީގެ ރައްޔިތުންނަށާއި އެޤައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 150،000 މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.