ޚަބަރު

އިލެކްޓްރޯނިކް މުއާމަލާތްތަކާއި ބެހޭ ޤާނޫނު ތައާރަފް ކުރުމަށް ސިލްސިލާ ވޯކްޝޮޕްތަކެއް


އިލެކްޓްރޯނިކް މުއާމަލާތްތަކާއި ބެހޭ ޤާނޫނު ތަޢާރަފުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ސިލްސިލާ ވޯކްޝޮޕްތަކެއް ފަށައިފިއެވެ.

މި ސިލްސިލާ ވޯކްޝޮޕްތަކުގެ ފުރަތަމަ ވޯކްޝޮޕް އިފްތިތާޙްކޮށްދެއްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ. ފުރަތަމަ ވޯކްޝޮޕް ފަށާފައިވަނީ ފުލްމޫން ރިސޯޓުގައެވެ. މި ވޯކްޝޮޕް 3 ދުވަހަށް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ވޯކްޝޮޕްތަކަކީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް އަދި އަދުލު އިންސާފުގެ ދާއިރާތަކަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕް ތަކެކެވެ. މި ވޯކްޝޮޕްތައް ރާވައި ހިންގަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސްގެ ސީ.އެލް.ޑީ.ޕީ ޕްރޮގްރާމާއި، ޔޫއެންގެ އަންސިޓްރަލްއާއި މިނިސްޓްރީ ގުޅިގެންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.


އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވާފައިވަނީ 27 އޭޕްރީލް 2022 ގައެވެ. މި ޤާނޫނަކީ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން މުޢާމަލާތުކުރުމާއި، ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، އިލެކްޓްރޯނިކް މުޢާމަލާތުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، އިލެކްޓްރޯނިކް ޒަރީޢާއިން މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމާއި، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޞައްޙަކަން ޤާނޫނީގޮތުން ކަށަވަރުކޮށްދިނުމާއި، އިލެކްޓްރޯނިކް މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމާއި، އެކަންކަމަށް ޤާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުން އަދި އިތުބާރު ހިފޭ ޓްރަސްޓްގެ ޚިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޒަރީޢާއިން މުޢާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުޢާމަލާތުކުރުމުގައި ޢާންމުންގެ އިތުބާރު ޤާއިމުކުރުން ހިމެނެއެވެ.