ޚަބަރު

ލއަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީއަށްވެސް ގެންދާނީ މިނީ ބަސް


އަންނަ ޖުލައިމަހުގެ ތެރޭގައި ދެކުނުގެ ތިން އަތޮޅުގައި އަަލުން ބަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އަލުން ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އާއި ލ.އަތޮޅުގައެވެ.

އެމްޓީސީސީން މާލެ ސަރަޙައްދާއި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ.އަތޮޅުގެ ގަމާއި ފޮނަދޫއާއި އިސްދޫ ކަލައިދޫގައި ބަހުގެ ޚިދުމަތް ދިނުމަށް 50 އަހަރުގެ އެއްބަސްވުމެއްގައި 2021 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

މީގެ ކުރިން މި ރަށްތަކުގައި ބަހުގެ ޚިދުމަތް ދެމުން އައީ އެމްޕީއެލްއިންނެވެ. އެހެންނަމަވެސް ގިނަ ދުވަސްވުމުގެ ސަބަބުން ބަސްތައް ހަލާކުވުމާއި ބައެއްކަހަލަ އެހެނިހެން މައްސަލަތަކާ ހުރެ ބަހުގެ ޚިދުމަތް ވަނީ ހުއްޓާލާފައެވެ. މިހާރު ބަހުގެ ދަތުރުތައް ކުރަނީ އައްޑޫ ސިޓީ ފޭދޫއާއި ހިތަދޫއާ ދެތެރޭ އެކަންޏެވެ. އެއީ ސްކޫލްކުދިންނަށް ޚާއްސަކޮށްގެން ކުރާ ބަސްދަތުރުތަކެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރު ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ރަށަކަށް ބޭނުންވާ ބަސްތައް ގެނައުމަށް އޯޑަރ ކޮށްފައިވާކަމަށެވެ. އަދި އޯޑަރ ކޮށްފައިވާ ބަސްތަކުގެ ތެރެއިން 34 ބަސް ޚާއްސަކޮށްފައިވަނީ އަތޮޅުތަކުގެ ރަށްތަކުގައި ޚިދުމަތް ދިނުމަށެވެ. އާޒިމް ވިދާޅުވީ ރަށްރަށަށް ގެނައުމަށް ހަމަޖެހިފައިވަނީ 20 އާއި 25 މީހުންގެ ޖާގައިގެ މިނީ ބަސްތަކެއްކަމަށެވެ. އަދި އެބަސްތަކުގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހަ ކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ރަށްރަށަށް މިނީ ބަސް ގެނައުމަށް ނިންމާފައިވަނީ އެރަށްރަށުގެ މަގުތަކުގެ ސައިޒަށް ބެލުމަށްފަހު ކަމަށް އާޒިމް ވިދާޅުވިއެވެ.

އަތޮޅުތަކަށް 34 ބަސް ގެންނައިރު މީގެ ތެރެއިން 2 ބަސް ޚާއްސަކުރަނީ އިސްދޫއާއި ކަލައިދޫއާ ދެމެދު ދަތުރުކުރުމަށެވެ. 7 ބަސް ލ.ގަމުގައި ދަތުރުކުރުމަށް ޚާއްސަކޮށްފައިވާއިރު ފުވައްމުލައް ސިޓީއަށް ގެންނަނީ 5 ބަހެވެ. އަދި ސ.ހުޅުމީދޫއަށް ގެންނަނީ 6 ބަހެވެ. އަދި ފޭދޫއަށް ގެންނަނީ 14 ބަހެވެ.

އެމްޓީސީސީން ގެންނަ މިބަސްތައް މާލެ އަންނާނެކަމަށް ލަފާކުރަނީ ޖުލައިމަހުގެ ފުރަތަމަ ހަފްތާގައެވެ. މިހާރު ބަސް ޕޯލް ނުވަތަ ބަސްހުއްޓިތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ޚިދުމަތަށް ބޭނުންވާ ސްޓާފުން ރެކްރޫޓްކޮށް ތަމްރީން ދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު ވަނީ އާރްޓީއެލްގެ ނަމުގައި ފެރީގެ ޚިދުމަތްވެސް ފަށާފައެވެ. އަދި އާރްޓީއެލްގެ ބަހުގެ ޚިދުމަތްވެސް މާލެ ސަރަޙައްދުގައި މިހާރު ވަނީ ފަށާފައެވެ.