ޚަބަރު

ފުނަދޫ ސްކޫލުގެ ރަންޔޫބީލް ރަސްމިއްޔާތަށް ރައީސް ފުނަދޫއަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ށ.ފުނަދޫއަށް މިއަދު ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ފުނަދޫއަށް ވަޑައިގެންނެވުމުން، އެ ރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން ފުނަދޫ ކައުންސިލް މެންބަރުންނާއި، ށ.އަތޮޅު ކައުންސިލުގެ މެންބަރުންނާއި، ސްކޫލް މެނޭޖްމަންޓުގެ އިސްވެރިންނާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ބަނދަރު ސަރަޙައްދަށް އެއްވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގަންނަވައެވެ.

ފުނަދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް މިރޭ ސްކޫލުގައި ބާއްވާ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ސްކޫލު މެނޭޖްމަންޓުން ދެއްވާ ޚާއްސަ ހަނދާނީ ފިލާ ރައީސް އަތްޕުޅުން އެފަރާތްތަކަށް އެރުވުން އޮންނާނެއެވެ. މިރޭ 20:30 ބާއްވާ މި ޖަލްސާ ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ. އަދި މާދަމާ ހެނދުނު ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.

ފުނަދޫ ސްކޫލް އުފެދިގެންއައީ 1972ވަނަ އަހަރުގެ މާރިޗުމަހުގެ 16ވަނަ ދުވަހުއެވެ. މި ސްކޫލުގެ ބާނީއަކީ ފުނަދޫ އަލިވާގޭ އަލްމަރުހޫމް ޢަބްދުﷲ ޢަބްދުލްކަރީމެވެ. އެއީ މި ސްކޫލުގެ ފުރަތަމަ މުދައްރިސު އަދި ފުރަތަމަ ނާޒިރުވެސްމެއެވެ. މި ސްކޫލުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ "މަކުތަބުލް މުނީރު"ގެ ނަމުގައެވެ. 1980ވަނަ އަހަރު މިނަން "ފަރުކޮޅު ފުނަދޫމަކުތަބަށް" ބަދަލުކުރެވުނުއެވެ.

ސްކޫލުގައި މިހާރު ބޭނުންކުރާ ނަންކަމަށްވާ ފުނަދޫ ސްކޫލަށް މި ސްކޫލުގެ ނަން ބަދަލުކޮށްފައިވަނީ 1990ވަނަ އަހަރެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދެމުންދާ މި ސްކޫލުގައި މިވަގުތު 600 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ހޮޅުދޫއަށް ވަޑައިގަންނަވާވަނެއެވެ.