ޚަބަރު

މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަމަހު ފަށަނީ


މާލޭ ސިޓީގައި މިނީބަހުގެ ޚިދުމަތް ދޭން އަންނަ މަހު ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ.

މާލޭ ސަރަޙައްދުގައި ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާއިރު، އެކުންފުނިން އަންނަނީ އެ ޚިދުމަތް ފެށުމަށްޓަކާ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ކުރަންޖެހޭ މަޝްވަރާތައްކޮށް، މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ވަނީ ފައިނަލްކޮށްފައެވެ. މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަސްތަކެކެވެ.

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި 3 ކުންފުންޏަކުން ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާދަމާއިން ފެށިގެން 50 އަށްވުރެ ގިނަ ބަސް މާލޭ ސަރަހައްދުގައި ދުއްވަން ފަށާނެކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން މިނީ ބަހުގެ ޚިދުމަތް ފެށިގެން ދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އަންނަމަހުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްޓަކައި ބަސްތައް ރާއްޖެ ގެންނާނެކަމަށެވެ. އަދި މާލެ ގެންނަ ބަސްތަކަކީ 20 އާއި 25 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށާއި މި ބަސްތަކުގެ ދަތުރުތައް ކޮންމެ 10 މިނެޓަކުން އޮންނާނެކަމަށެވެ. އާޒިމް ވިދާޅުވީ ބަސްތައް ދުއްވާ ރޫޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށާއި ބަސްތައް ދަތުރުކުރާނީ ފަސޭހައިން ދަތުރުކުރެވޭ އަދި ރައްޔިތުންގެ ޑިމާންޑް އޮންނަ ސަރަހައްދުތަކުގައި ކަމަށެވެ.

މިނީ ބަހުގެ ޚިދުމަތް ފަށަންވާއިރަށް މާލޭގެ ޓްރެފިކަށް ބަލާ، މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އެމް.ޓީ.ސީ.ސީން ދަނީ ކުރަމުންނެވެ. މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިލެކްޓްރިކް ވެހިކަލްތަކެއް ބޭނުންކުރަން ނިންމާފައިވީނަމަވެސް، ޓްރެފިކަށް ބަލާ، ޑީސެލް ބަސްތަކެއްވެސް ޚިދުމަތް ފަށައިގަންނައިރުގައި ބޭނުންކުރަން ޖެހިދާނެކަން އެމް.ޓީ.ސީ.ސީން ފާހަގަކުރެއެވެ. މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެންކަމަށާއި، މިނީބަހުގެ ރޫޓާއި، އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.