ޚަބަރު

އިތުރު 10 އަހަރަށް، ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި ކަނޑައަޅައިފި


ބ.އަތޮޅު، އިތުރު 10 އަހަރަށް ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ބޭއްވުމަށް ޔުނެސްކޯއިން ކަނޑައަޅައިފިއެވެ.

ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ތަންތަން ކަނޑައަޅާނީ ކޮންމެ 10 އަހަރަކުންނެވެ. އެހެންކަމުން ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި އެންމެފަހުން ކަނޑައެޅިތާ 10 އަހަރު ވުމުން އިތުރަށް އަކަން ދެމެހެއްޓުމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުންވަނީ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އިތުރު 10 އަހަރަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި ކަނޑައެޅިަން ޔުނެސްކޯއިން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިމަހުގެ 17ވީ ހުކުރު ދުވަހުއެވެ.

ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ 28 ޖޫން 2011 ގައެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށް އައިއިރު، އެއަތޮޅުން ތިމާވެށީގެ ގޮތުންނާއި ކަނަޑުގެ ދިރުމުން މުއްސަދި 10 ސަރަހައްދެއްވަނީ ޙިމާޔަތްކޮށްފައެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭނެއް ހަދައިގެން ބަލަހައްޓަމުން ގެންދަނީ 4 ސަރަހައްދެކެވެ.

ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި ތަންތަން ކަނޑައަޅާ މުއްދަތުކަމަށްވާ 10 އަހަރުގެ ދުވަހުގެ މުއްދަތު ހަމަވެ، އިތުރަށް މިގޮތުގައި އެއަތޮޅު ދެމެހެއްޓުމަށް ޔުނެސްކޯއަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ބ.އަތޮޅުގައި ހުރި ހުރިހާ ފަރެއްގެ އިކޮލޮޖިކަލް ސާވޭއެއްކޮށް، ހިމާޔަތްކޮށްފައިހުރި ހުރިހާ ރަށްރަށާއި ބައެއް ފިނޮޅުތަކުގެ ސާވޭގެ މައުލޫމާތުވަނީ ޔުނެސްކޯއަށް ހުށަހަޅާފައެވެ. އެއީ އެތަންތަން ޙިމާޔަތްކޮށް ބެލެއްހެއްޓިފައިވާ މިންވަރު ދެނެގަތުމަށް ހެދި ސަރވޭތަކެކެވެ. އޭގެ ނަތީޖާ ރަގަޅުކަމަށް ނިންމައި އިތުރު 10 އަހަރަށް ބ.އަތޮޅު މިވަނީ ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި މިއަތޮޅު 10 އަހަރު ވޭތުކުރިއިރު މިކަން ދެމެހެއްޓެނިވި ގޮތެއްގައި މިއަދާ ހަމައަށް އައިސްފައި މިއޮތީ އެއަތޮޅުގެ ރައްޔިތުންގެ ފަރާތުން މިކަން ދެމެހެއްޓުމަށް ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ.

ޔުނައިޓެޑް ނޭޝަން އެޑިއުކޭޝަން އެންޑް ސައެންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒެޝަން (ޔުނެސްކޯ)އިން ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ރާއްޖޭގައި ޙިމާޔަތް ކޮށްފައިވަނީ ޤުދުރަތީގޮތުން ހިތްގައިމު އަދި އެތަންތަނުގެ ބޭނުން އެކި ގޮތްގޮތައް ކޮށްގެން ނަފާ ހޯދޭނޭ ތަންތަނެވެ. އޭގެސަބަބުން ފަތުރުވެރިކަމަށްވެސް އެތައް ކުރިއެރުމެއް ލިބެއެވެ.