ޚަބަރު

މަނަދޫ ހޮސްޕިޓަލްގެ އައު ޢިމާރާތަށް ހުށައަޅާފައިވާ އަގު މާ ބޮޑު: ހެލްތު


ނ. މަނަދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުން ހުއްޓިފައިވަނީ ބީލަމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށައަޅާފައިވާ އަގު ބޮޑުވުމުން ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަނަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށްނުދާ ސަބަބު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙާރޫނު ކުރެއްވި ސުވާލުތަކަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ އެޢިމާރާތުގެ މަސައްކަތް ހުއްޓިފައިވަނީ ބީލަމަށް ހުޅުވާލުމުން ހުށައަޅާފައިވާ އަގުތައް ބޮޑުވުމުންކަމަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ މިމަޝްރޫޢަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ދަށުން ހަމަޖެހިފައިވާކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން އަލުން ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ނަސީމްވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ އައު އިމާރާތުގެ އިތުރުން މަނަދޫ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެހޮސްޕިޓަލުގައި އޯޕީޑީ 6 ކޮޓަރިއާއި ލެބޯޓަރީއެއް ޢިމާރާތްކޮށް ނިމިފައިވާކަމަށެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަލަށް މަނަދޫގައި ތަރައްޤީކުރާ ހޮސްޕިޓަލް ޢިމާރާތުގެ ޑިޒައިން މަސައްކަތް މިހާރުވަނީ ބަޔަކާ ޙަވާލުކޮށްފައެވެ. މިއީ މިއަހަރުގެ ބަޖެޓުގައި 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވާ މަޝްރޫޢެކެވެ.

ދައުލަތުގެ މާލީ ގަވާއިދު ބަޔާންކުރާގޮތުން މަޝްރޫޢުތަކުގެ މަސައްކަތް ޙަވާލުކުރަންޖެހޭނީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ވާދަވެރި މާޙައުލެއްގައި ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެ އުސޫލުންނެވެ. އަދި މިކަންކުރުމުގައިވެސް ދައުލަތަށް އެންމެ ފައިދާ ބޮޑުގޮތް ޚިޔާރުކުރަން މާލިއްޔަތާއި ބެހޭ ގަވާއިދުން ލާޒިމްކުރެއެވެ.