ލައިފް ސްޓައިލް

ތިން އެކުވެރިން، ބައިސްކަލުގައި ތަޖަކިސްތާނުން ޙައްޖަށް


ހައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ހިސާބުތަކުން ސަޢުދީ ޢަރަބިއްޔާއަށް މީހުން ދަތުރުކުރެއެވެ. ނަމަވެސް ދުނިޔޭގެ ދުރު ހިސާބުތަކުން ސަޢުދީ އަރަބިއްޔާއަށް ކުރަންޖެހޭ މިދަތުރަށް ވަރަށްބޮޑު ކަރަދެއް ކުރަންޖެހެއެވެ. މި ސަބަބާހެދި ކޮންމެ އަހަރަކުވެސް ބައިސްކަލްގައާއި ސައިކަލްގައާއި އެނޫންވެސް ގޮތްގޮތަށް ޙައްޖަށް ދިއުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ މީހުން އުޅެއެވެ. މީގެތެރެއިން ބައެއް މީހުންނަކީ މުޒަމާނުގައި މީހުން ދަތުރުކުރާ ގޮތަށް ބަލާއިރު އާދަޔާ ޚިލާފު ދަތުރުތަކުގައި ޙައްޖަށް ދާ މީހުންނެވެ.

މިއަހަރުވެސް ފާހަގަކޮށްލެވޭ މިފަދަ ބައެއް މީހުން އެބައުޅެއެވެ. އޭގެތެރޭގައި، ތަޖަތިސްތާނުން ސައުދީ ޢަރަބިއްޔާއަށް ބައިސްކަލްގައި ދަތުރުކުރަމުންދާ 3 އެކުވެރިންނަށް ދުނިޔޭގެ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

ޣަފޫރޯވް ދިލޯވަރާއި ނަޒަރޯވް ސަޢީދު ޢަލީއާއި ތަލަބޯވް ޝާކިރު، ސަޢުދީ ޢަރަބިއްޔާއަށް ދިޔުމަށް ބައިސްކަލްގައި ދަތުރުފަށާފައިވަނީ ރޯދަމަސް ނިމުމާ އެކުއެވެ. ތިން އެކުވެރިން ބައިސްކަލްގައި މި ދަތުރުކުރަން ނިންމީ ތަޖަކިސްތާނުގައި 40 އަހަރުން ދަށުގެ މީހުންނަށް ހައްޖަށް ދިޔުމަށް ހުއްދަ ނުދޭތީއެވެ. ސަބަބަކީ އުމުރުން ދުވަސްވީ މީހުންނަށް ފުރުސަތު ދިނުމެވެ. ތިން ރައްޓެހިނަކީވެސް ޢުމުރުން 30ގެ އަހަރުތައް ގުނަމުންދާ މީހުންނަށްވުމުން، ހައްޖަށް ދިޔުމަށް އެޤައުމުން ފުރުސަތެއް ނެތެވެ.

މިމީހުން ތަޖަކިސްތާނުން އެންމެ ފުރަތަމަ ދަތުރުކުރަން ނިންމީ ތުރުކަމިސްތާން ހުރަސްކޮށެވެ. އެހެންނަމަވެސް ކޯވިޑާ ގުޅިގެން ތުރުކަމަނިސްތާނަށް އެތެރެވުމަށްފަހު 20 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭތީ ދެން ނިންމީ އަފްޣާނިސްތާން، އުޒްބަކިސްތާން ބޯޑަރު ކައިރިން ދަތުރުކުރުމަށެވެ. ނަމަވެސް ގުދުރަތީގޮތުން އެ ހިސާބު އޮންނަ ގޮތުން ބައިސްކަލްގައި ދަތުރުކުރުމުގައި ދަތިތަކެއް ހުންނާނެކަމަށް ބެލެވޭތީ ދަތުރުކުރުމަށް ނިންމީ އުޒްބަކިސްތާންގެ ވެރިރަށް ތަޝްކެންޓު ހުރަސްކޮށެވެ.

ތަޝްކެންޓަށް ދިޔުމަށްފަހު އަޒަރުބައިޖާނަށް ވަނީ ފްލައިޓެއްގައި ދަތުރުކޮށްފައެވެ. އެއަށްފަހު ބައިސްކަލުގައި އީރާންގެ އެކި ސިޓީތައް ހުރަސްކޮށްފައިވެއެވެ. އެމީހުން ބުނިގޮތުގައި މި ދަތުރުގައި ތަފާތު އެކި އަވަށްގަނޑުތަކަށް ދެވިއްޖެއެވެ. އަދި ގަދަ އަވީގަ އާއި ގަދަ ފިނީގައިވެސް ދަތުރުކުރެވިފައިވާ ކަމަށް އެމީހުން ބުންނެވެ.

"މަގުތަކުގައި ކާއެއްޗެހި ވިއްކާ ތަންތަނުން ކައިގެން، މިސްކިތްތަކުގެ ބޭރުގައި ނިދާ ހަދަނީ، ދަތުރު މިކުރަނީ ޗާޓުތަކާއި، ޓެންޓުތަކާއި، ބައެއް ލުއި ކާނާ ހިފައިގެން" މިދަތުރުގެ އެއް ބައިވެރިޔާ ޝާކިރު ބުންޏެވެ.

ތިން އެކުވެރިން މިދަތުރަށް ތައްޔާރުވާތާވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން މިއަހަރު ފެށުނުތަނާހެން ދަތުރުގެ ކަންތައްތައް ރާވައި ދަތުރަށް ބޭނުންވާނެ ތަކެތި ވަނީ ހޯދަން ފަށާފައެވެ. އެކި ޤައުމުތަކާއި ސިޓީތައް ހުރަސްކޮށް ތިން އެކުވެރިން މިހާރުވަނީ ޔޫ.އޭ.އީއަށް ދަތުރުކޮށްފައެވެ. އަދި ދޫބާއީން ސައުދީ އަރަބިއްޔާއަށް ވިސާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މި ތިން މީހުންނަށްވެސް ވާހަކަދައްކަން އެނގެނީ ހަމައެކަނި ރަޝިއާ ބަހުންނާއި ފާރިސީ ބަހުންނެވެ. އެހެންކަމުން މިފަދަ ދަތުރެއްގައި އެކި ޤައުމުތަކުގެ މީހުންނާ ވާހަކަދެއްކުމުގައި ގިނަ ދަތިތަކެއް ކުރިމަތިވިއެވެ.

މި ދަތުރުގައި އެންމެ ޚާއްސަ އެއް ކަމަކީ މާތްވެގެންވާ އެކި މިސްކިތްތަކުގައި ނަމާދުކުރުމުގެ ފުރުސަތު އެމީހުންނަށް ލިބިގެން ދިޔުންކަމަށް ތިން އެކުވެރިންވެސް ފާހަގަކުރެއެވެ.