ކުޅިވަރު

އުޒްބެކިސްތާން އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ގެއްލިއްޖެ


އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާން އަތުން ބަލިވެ، އަންނަ އަހަރުގެ މުބާރާތުން ރާއްޖެއަށް ފުރުސަތު ގެއްލިއްޖެއެވެ.

އޭޝިއަން ކަޕުގެ ކޮލިފިކޭޝަނުގެ ގްރޫޕް ސީގެ މެޗުތައް މިފަހަރު ކުޅެވިގެންދަނީ ސެންޓްރަލައިޒް ކޮށްގެން އުޒްބެކިސްތާނުގައެވެ.

މި ފަހަރުގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 3-0 ގެ ނަތީޖާއަކުން ތައިލެންޑް އަތުން ބަލިވެފައެވެ. އަދި ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުން އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ދެވަނަ މިނެޓުގައި އުޒްބެކިސްތާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޓަލީގެ އޭއެސް ރޯމާއަށް ކުޅެމުން އަންނަ ފޯވާޑް އަދި އުޒްބެކިސްތާންގެ ކެޕްޓަން އެލްޑޯ ޝޮމުޑޯރޯފެވެ. މި ލަނޑަށްފަހުވެސް އުޒްބެކިސްތާނުން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ފުރަތަމަ ހާފުގައި އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ޝޮމުޑޯރޯފް ވަނީ އުޒްބެކިސްތާނުގެ ދެވަނަ ލަނޑު ޖަހައި، އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ އޮޑިލްޖޯން ޒަބްްރޮބެކޯފްއަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ 80 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ ޝޮމުޑޯރޯފް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ހަ މިނެޓު ފަހުން އުޒްބެކިސްތާނުގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުރުނޯފް އޮސްޓޯނެވެ.

މި މެޗުން ރާއްޖެ ބަލިވިއިރު، މިއީ ބައިނަލްއަގުވާމީ މެޗެއްގައި އުޒްބެކިސްތާނާއި ރާއްޖެ ވާދަކުރި ފުރަތަމަ ފަހަރެވެ.

އަންނަ އަހަރު ބާއްވަން ނިންމާފައިވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމުގެ އިތުރުން، ކޮލިފައިން ހަ ގްރޫޕުގެ ދެވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމެކެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ އެއް ވަނަ ދެވަނަ ޓީމުގެ މަގާމު އުޒްބެކިސްތާނާއި ތައިލެންޑުން ކަށަވަރުކުރިއިރު، ރާއްޖެއަށް މިހާރު ވަނީ ދެވަނަ ހޯދުމުގެ ފުރުސަތުވެސް ގެއްލިފައެވެ.

އެގޮތުން ގްރޫޕް ސީގެ އެއްވަނައިގައި އޮތް އުޒްބެކިސްތާނާއި ދެވަނައިގައި އޮތް ތައިލެންޑަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ލަންކާ އާއި ފުލުގައި އޮތް ރާއްޖެއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ރާއްޖެ ފުލުގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ސްރީ ލަންކާއާއެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު ހަވީރެވެ.