ޚަބަރު

އުނދަގޫ ޒަމާން ބަދަލުވެއްޖެ، އަތްފޯރާ އަގުގައި ބޭނުން ރަށަކަށް!


ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ނިންމުމުން އެންމެ ފުރަތަމަ ބައެއް ފަރާތްތަކުން އެކަމަށް ފާޑުކިޔެވެ. ފެރީ ދޯނިތަކުން ދެމުންއައި ޚިދުމަތް ބަދަލުކޮށްލައި މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗު ދަތުރުތަކަކުން ގުޅާލެވިދެވިދާތޯ، އެތަށްބަޔަކު ސުވާލު ކުރިއެވެ.

ދަތިތަކާއެކު ކުރިއަށް ގެންދިޔަ ގިނަ މަރުޙަލާތަކަކަށްފަހު މިއަދު މިފެންނަނީ، ކަޅާއި ހުދުން ކުރެހި މަންޒަރުގައި ކުލަ ޖެހެމުންދާ މަންޒަރެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ރާއްޖެ 3 ޒޯނަކަށް ބަހާލައިގެންނެވެ. މީގެތެރެއިން ޒޯން 1ގައި ހިމެނޭ ހއ، ހދ، އަދި ށ، އަތޮޅެވެ. މީގެތެރެއިން، ހދ.އަތޮޅުގައި ޚިދުމަތް ފެށުމަށް މިހާރު މިވަނީ ތައްޔާރުވެފައެވެ. ހދ.އަތޮޅުގެ 13 ރަށަކަށް 4 ރޫޓަކުން ދަތުރުކުރެވޭނެއެވެ.

ރާއްޖެ އުފެދިފައިވަނީ ޖަޒީރާ ޤައުމެއްގެ ގޮތުގައިކަމަށް ވުމާއެކު މިފަދަ ދަތުރުތަކެއް ނިޒާމެއްގެތެރެއިން ލިބުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ރަށްރަށް ވަކިވަކިން ދުރުދުރުގައި އޮތުމާއި ކޮންމެ ދެރަށެއް ދެމެދުގައި ކަނޑު އޮވެފައި ބަދަލުވަމުންދާ ގަދަ އޮއިވަރުފަދަ ޤުދުރަތީ އެތައްކަމެއްގެ ސަބަބުން މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަމަހަމަ ކަމާއެކު މިފަދަ އަސާސީ ޚިދުމަތްތައް ދިނުމަށް މިހާތަނަށް އޮތް ދައްޗެކެވެ. މިދަތީގެ ވާހަކަ އަބަދުވެސް އަޑުއިވެއެވެ. ނަތީޖާއެއްގެގޮތުން މިފަދަ ފެރީގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެކަމަށް ވަރަށްގިނަ މީހުން ޤަބޫލެއްވެސް ނުކުރެއެވެ. ސަބަބަކީ މިހާތަނަށް އެކި ސަރުކާރުތަކުން ދައްކަމުންއައީ މިފަދަ ޚިދުމަތް ނުދެވެން ހުރި ސަބަބުތަކެވެ.

މިކަން ބަދަލުކޮށްލެއްވީ މިހާރުގެ ސަރުކާރުންނެވެ. މިކަމަށް ސަރުކާރަށް ފެނިވަޑައިގަތް އެންމެބޮޑު ޙައްލަކީ ޚިދުމަތްތައް މިހާރު ލިބެންހުރި މައި ރަށްތަކާއި އަތޮޅުގެ އެހެން ރަށްތަށް ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށްދިނުމެވެ. އެކަން ކުރެވެން ހުރި މަގުތަކެވެ. ރައްޔިތުންނަށް ދެއްކެވީ އެމަންޒަރެވެ. ކޮންމެއަކަސް މިމަންޒަރުގައި މިއަދުގެ ސަރުކާރުން ކުލަޖައްސަވައި ހަޤީގަތަކަށް ހައްދަވައިފިއެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ފުރަތަމަ ޚިދުމަތް ފަށާ ޒޯން 1ގެ ދަތުރުތަކަށްވެސް ރޫޓްތައް ކަނޑައަޅާފައިވަނީ މައި ރަށްތަކާއި އަތޮޅުގެ އެހެން ރަށްތަށް ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމެއްގެ ދަށުންނެވެ.

އަތޮޅުގެ މައި ދެ ރަށަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ހަނިމާދުއާއި، އަދި ވައިގެ ދަތުރާއި ސިއްޙީ ޚިދުމަތްތަކަތްތަކާއި ސަރުކަތުގެ މުއައްސަސާތަކާއި އެތައް ޚިދުމަތެއް ޤާއިމުވެފައިވާ ކުޅުދުއްފުއްޓެވެ. އަދި ވިޔަފާރިގެ ބޭނުންތަކަށް މި ރަށްރަށަށް ކޮންމެ ދުވަހަކު އެތަށް ބަޔަކު ދަތުރުކުރެއެވެ.

އަތޮޅުގައި އެންމެ ކައިރީގައި އޮންނަ ރަށަށްވެސް ލޯންޗު ދަތުރެއްގައި ދާން މަދުވެގެން 500އެއްހައި ރުފިޔާ ހޭދަކުރަން ޖެހެއެވެ. ޑޮކްޓަރަށް ދައްކަން ދާން ބޭނުންވާ މީހާވެސް، ދަތުރު އަގުހެޔޮ ކުރަން ބޭނުންވާނަމަ ޖެހޭނީ އިތުރު މީހަކު އެ ރަށަށް ދަތުރުކުރާނެ ދުވަހެއް ހޯދައިގެން މަޑުކުރާށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް ބަދަލުކޮށްލީ މި މަންޒަރެވެ.

ހަނިމާދުއަށް 15ވަރަކަށް މިނެޓްގެ ދަތުރެއްކޮށް ދެވޭހައި ކައިރީގައި އޮންނަ ނޮޅިވަރަންފަރުގެ ރައްޔިތުން މިހާތަނަށް ހަނިމާދުއަށް ދާން ދަތުރަށް 500 ރުފިޔާ ހޭދަކުރެއެވެ. ދަތުރު ހަލުވި ޖާގަ ތަނަވަސް އާރްޓީއެލްގެ ލޯންޗުގައި ދެން ހަނިމާދުއަށް ދާނީ ކޮޅަކަށް އެންމެ 35 ރުފިޔާއަށެވެ.

އަތޮޅުގެ އެންމެ ދުރު ބިތުގެ ރަށްތަކުންވެސް މިހާރު 100 ރުފިޔާ ދީގެން ކޮޅަކަށް ދަތުރުކުރެވޭނެއެވެ. ހދ.އަތޮޅުގައި އެންމެ ދުރުގައި އޮންނަ އެއް ރަށަކީ މަކުނުދޫއެވެ. އެ ރަށުގެ ރައްޔިތުން 2500ރުފިޔާ ދީގެން ކުޅުދުއްފުޓަށް ކުރަމުން ދިޔަ ދަތުރު މިހާރު މިވަނީ ކޮޅަކަށް އެންމެ 100 ރުފިޔާ ދީގެން އާރްޓީއެލް ލޯންޗު ފެރީގައި ކުރެވޭނެ މަގުފަހިވެފައެވެ.

ރާއްޖެ ޓްރަންސްޕޯޓް ލިންކްގެ މަޤުޞަދަކީ މިއީއެވެ. ދަތުރުފަތުރު ލުއިކޮށްދީ، ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ފަސޭހަ ފަހި ގޮތްތައް ފަހިކޮށްދިނުމެވެ. ކޮންމެ ރަށެއްގައި ބޮޑު ހޮސްޕިޓަލެއް އެޅުމާއި، ބޮޑެތި ވިޔަފާރިތަކާއި އޮފީސްތައް ހެދުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެކަމެއް ނޫނެވެ. ކުދިކުދި އާބާދީތަކަށް އަމާޒުކޮށްގެން އެފަދަ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރިޔަސް ނުހިނގާނެއެވެ. އަދި ޑިމާންޑާއި ކުރާ ޚަރަދަށް ބެލިނަމަވެސް، އެކަން އެގޮތަކަށް ނުވާނެކަމީ ފެންނަން އޮތް ހަގީގަތެކެވެ.

އޭގެ ބަދަލުގައި ފެރީ ނެޓްވޯކަކުން ރަށްތަށް ގުޅާލައި ޚިދުމަތްތައް ޤާއިމުވެފައި ހުރި ރަށްރަށުން ޚިދުމަތް ހޯދުމަށް ފަސޭހަ ކޮށްދިނުން އެއީ ސަރުކާރުގެ އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެވެސް ވަޢުދެވެ.

މި ވަޢުދާ އެއްގޮތަށް ފެރީ ނިޒަމާއެކު ލާމަރުކަޒީ ނިޒާމުން ރަށްތަށް ބާރުވެރިވެގެން ދިއުމަށްވެސް ބޮޑު ފުރުޞަރެއް ލިބެއެވެ. ރަށަށް މީހުން އަރާ ފައިބާ މިންވަރު އިތުރުވާނަމަ ރަށުގައި އާވިޔަފާރިތަކާއި ޚިދުމަތްތައް އިތުރުވެ، ރަށުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވުމަށްވެސް މަގަކަށް ވެގެންދެއެވެ.