ޚަބަރު

ލ.އަތޮޅުގައި ތަރައްޤީގެ މަޝްރޫޢެއް ނުގެންދާ އެންމެ ރަށެއްވެސް ނެތް


އާބާދީގޮތުން ކުޑަ، ބޮޑު، އުތުރެއް ދެކުނެއް، މެދުރާއްޖެ ތެރެއެއް ބެލުމެއްނެތި މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމާރާނީ އެތައް މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. ފުޓްސަލް ދަނޑުތަކުން ފެށިގެން ބަނދަރާއި އެއަރޕޯޓް ތަރައްޤީކުރުމުގެ އެތައް މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މިފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދަނީ ރައްޔިތުންގެ ލަފަޔާ މަޝްވަރާއާވެސް އެކުގައެވެ. ހަމަ އެހެންމެ މި މަޝްރޫޢުތަކަކީ ވީއެންމެ އަވަހަކަށް މަސައްކަތްތައް ނިންމާލާ އެއިން ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތަށް ޕްލޭންކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެވެ. މަޝްރޫޢުތައް ކުރިއަށްގެންދާއިރު ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންނަމަވެސް މި ސަރުކާރުގެ އަމާޒަކީ ދަތިތަކާއެކުވެސް ރައްޔިތުންގެ ޝަކުވާތަކަށް އިޖާބަދީ މަސައްކަތްތައް އަވަހަށް ނިންމާލުމެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގައި އެއްވެސް ރަށެއް ބާކީ ނުކުރާއިރު ކިތަންމެ ބޮޑު ހޭދައެއްކުރަންޖެހުނަސް ރައްޔިތުންގެ ޙައްޤުގައި އެމަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ހައްދުންމައްޗަށް ބަލާލުމުންވެސް އެކަން ސާބިތުވެގެންދެއެވެ. ލ.އަތޮޅުގެ މީހުން އުޅޭ 11 ރަތް އޮތްއިރު 17000 ވުރެ ބޮޑު އާބާދީއެއް އެބައޮތެވެ. މިއިން ކޮންމެ ރަށެއްގައިވެސް ހިންގަމުންދާ މަޝްރޫޢުތަކުގެ އަދަދު 5 އަށްވުރެ މަދެއް ނޫނެވެ. އެގޮތުން މުޅި އަތޮޅުގައި ޖުމުލަ 147 މަޝްރޫޢެއް ކުރިއަށްގެންދެއެވެ. މީގެ ތެރެއިންވެސް ބައެއް މަޝްރޫޢުތައް މިހާރު ވަނީ ނިންމާފައެވެ. އަދި ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ޕްލޭންކޮށް، ޓެންޑަރިން މަރުހަލާގައި އެބައޮތެވެ.

ލ.އަތޮޅޫގެ ވަކިވަކި ރަށްތަކަށް ބަލާއިރު އިސްދޫގައި ޖުމުލަ 14 މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވެއެވެ. އޭގެ ތެރެއިން 8 މަޝްރޫއެއްގެ މަސައްކަތްވަނީ ނިންމާފައެވެ. އަދި ބާކީ ހުރި މަޝްރޫޢުތައްވެސް ހުރީ ފެށުމުގެ މަރުހަލާގައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާއި ކައުންސިލް އިމާރާތުގެ މަސައްކަތާއި ޖިމް ހެދުމުގެ މަސައްކަތްވަނީ ނިންމާލާފައެވެ.

ކަލައިދޫގައިވެސް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން އެރަށުގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމަމުން އަންނައިރު ކަރަންޓު އެއްވިއުގައިން ގުޅާލުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެރަށުގައި ޖުމުލަ 11 މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މީގެ ބައެއް މަޝްރޫޢުތައް އަންނަނީ ހިނގަމުންނެވެ. އަދި ބައެއް މަޝްރޫޢުތައް އޮތީ ޓެންޑަރިން މަރުހަލާގައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު ދަނބިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއާއެކު ޖުމުލަ 11 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި މާބައިދޫގައި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެރަށުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއެކު 10 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މުންޑޫ އަކީ ލ.އަތޮޅުގައި އެންމެ އާބާދީ ކުޑަރަށެވެ. އެއީ ގާތްގަޑަކަށް 290 މީހުންގެ އާބާދީއެކެވެ. އެހެންނަމަވެސް އެރަށުގައިވެސް މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް އެބަގެންދެއެވެ. އަދި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިރަށުގައި 5 މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރަށް ފޮނަދޫއާއި ކުނަހަންދޫއަކީ މިހާރުވެސް ފެނާއި ނަރުދަމާގެ ނިޒާމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ރަށަކަށްވުމާއެކު މި ދެރަށުގައިވެސް މި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ފޮނަދޫގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ހަމަ އެހެންމެ އެ އަތޮޅު މާވަށުގައި މިހާރުވެސް ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

4000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ގަމުގައިވެސް 36 މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައިވާއިރު މިއީ މި އަތޮޅުގައި އެންމެ ގިނައިން މަޝްރޫޢުތައް ކުރިއަށްގެންދާނެ ރަށެވެ. އެގޮތުން މިރަށުގައި ތުނޑީ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިރަށުގައިވެސް ކަރަންޓް ފޯރުކޮށްދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ލ.އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ޖުމްލަ 109 މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައިވާއިރު މިއަހަރުގެ ބަޖެޓުގައި މިކަމަށް ވަނީ 180 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައެވެ.