ޚަބަރު

ބިން ހިއްކުން: ހިރިލަންދޫގެ ބޯހިޔާވަހިކަމަށާއި، ސިނާޢީ މަސައްކަތަށް ބޮޑު އުއްމީދެއް


ތ.ހިރިލަންދުއަކީ އާބާދީގައި 1200މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރާއްޖޭގައި ސިނާޢީ މަސައްކަތްކުރާ ގުނާލެވޭހާ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. ފައިބަރު މަސައްކަތަށް ރާއްޖޭގައި ނަން މަޝްހޫރު ރަށެކެވެ. ފުޅާ ދާއިރާއެއްގައި މަސްވެރިކަންކޮށް، މަސް ކައްކާ ހިއްކާ އާމްދަނީ ހޯދަމުން އަންނަ ރަށެވެ.

މި ސިނާޢަތްތައް ރަށަށް މުހިންމުވާ އެންމެ ބޮޑަ ސަބަބަކީ ރަށުގެ ބޮޑު އާބާދީއެއް މި މަސައްކަތުން އާމްދަނީ ހޯދަމުން ދިއުމެވެ. އަދި ދިރިއުޅުމުގެ އަސާސީ ޚިދުމަތްތައް ފުއްދަމުންދަނީ ރަށުގައި އާއިލާއާއެކު ތިބެ، މި މަސައްކަތްތަކުން ލިބޭ އާމްދަނީންކަމެވެ.

"ރަށުގެ މުޅި އާބާދީހެން މިއޮތީ ރަށުގައި. ގާތްގަނޑަކަށް ރަށުގެ %98 އާބާދީ ރަށުގައި މަސައްކަތްކޮށް ދިރިއުޅެނީ. ރަށުން ބޭރުގައި މަސައްކަތް ކުރާ މީހެއް ވަރަށް މަދުވާނެ." ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުން ރަށުގައި ހިފެހެއްޓުމުގެ އެންމެ ބޮޑު ސަބަބަކީ ރަށުގައި ފުޅާވެފައިވާ ސިނާޢީ މަސައްކަތެވެ. ނަމަވެސް ވިޔަފާރި އިތުރަށް ފުޅާކުރުމަށް އޮތް ހަމައެކަނި ގޮންޖެހުމަކީ ބިން ނެތުމުގެ މައްސަލައެވެ. ބިން ނެތުމުގެ ސަބަބުން ރަށުގެ އާބާދީއަށް ބޯހިޔާވަހިކަމުގެ މައްސަލަވެސް އިންތިހާއަށް އޮތީ ކުރިމަތިވެފައެވެ.

ހިރިލަންދޫ ބިން ހިއްކުމަށް ނިންމާ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، މިދިޔަ މޭ މަހުގެ ފަހު ހަފްތާގައި މިވަނީ ރަށުގައި ޢަމަލީ މަސައްކަތް ފަށާފައެވެ. ރަށަށް އިތުރު 25 ހެކްޓަރު އިތުރުކުރުމުގެ މި މަޝްރޫޢަކީ ރަށުގެ ރައްޔިތުންގެ ވިއްސަކަށް އަހަރުވީ ހުވަފެން ހަގީގަތަކަށް ވެގެން އައުމެވެ.

"މިހާރު މިރަށަކު އިތުރަށް ގެ ދޭނެ ބިމެން ނެތް. އެއް ގެއެއްގައި އެތައް އާއިލާއެއް ދިރިއުޅޭ. އަލަތު ދިރިއުޅުން ފަށާ މީހުންނަށްވެސް ވަރަށް އުފާވެރިކަމެއް މިއީ، ރަށުގެ ބިން ހިއްކަން ފެށުން." ރަށުން ވާހަކަދެއްކި އަންހެނަކު ބުންޏެވެ.

ބޯހިޔާވަހިކަމަށް ދިމާވެފައިވާ އިޖުތިމާޢީ މައްސަލައަށް ޙައްލެއް ލިބުމާއެކު، ރަށުގެ ރައްޔިތުން ދެން އެންމެ ބޭނުންވެފައި ތިބީ، ރަށުގައި ސިނާޢީ މަސައްކަތްތައް ފުޅާކުރުމުގެ ފުރުޞަތު ލިބުމެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، މަސް ކައްކާ ހިއްކުމުގެ މަސައްކަތްތަކަށް 15އަށްވުރެ ގިނަ ބިން ރަށުން ދޫކޮށްފައިވާކަމަށެވެ. އަދި ފައިބަރު މަސައްކަތްކުރަން ބާރަ ވަރަކަށް ހަރުގެ ދޫކޮށްފައިވާކަމަށެވެ. ފައިބަރު މަސައްކަތާއި މަސް ކައްކާ ހިއްކުމުގެ މަސައްކަތަކީވެސް އެއް ސަރަޙައްދެއްގައި ކުރިއަށްގެންދިއުމަށް ރައްކާތެރި މަސައްކަތެއް ނޫންކަމުން، އެކަމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާކަމަށް ޖަލާލު ވިދާޅުވިއެވެ.

"ބިން މިއޮތީ އެއްކޮށް ފުރިފައި. ގެސްޓް ހައުސްފަދަ އިތުރު ވިޔަފާރިއަށް ވަނުމުގެ ފުރުޞަތަށްވެސް ވަނީ ހުރަސް އެޅިފައި." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަލަށް ކިޔަވައިގެން ނިކުންނަ ކުދިންގެވެސް ޝައުގުވެރިކަން ހުރީ ކިޔަވާ ނިންމުމަށްފަހު ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމަށެވެ. ނަމަވެސް އެ ފުރުޞަތު ބޭނުންވާ މިންވަރަށް ފަހިވެގެންދާނިީ އިތުރަށް ބިން ހިއްކި، އިތުރު މީހުންނަށް ވިޔަފާރި ކުރެވޭނެ ފުރުޞަތު ލިބުންކަމަށް ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

"އަލަށް ސްކޫލް ނިންމި %80ވަރަކަށް ކުދިން މިހާރު ސިނާޢީ މަސައްކަތްތަކުގައި މިއުޅެނީ. ވެކިއުމް މަސް ޕެކް ކުރުމާއި، ފައިބަރު މަސައްކަތް ކުރުމުގައި އެބަ ހަރަކާތްތެރިވޭ." ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ހިރިލަންދޫން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢަކީ ރަށަށް ވަރަށް އުއްމީދީ މަޝްރޫޢެކެވެ. 105 މިލިއަން ރުފިޔާގެ މި މަޝްރޫޢު 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީިން ބުނެއެވެ.