ދުނިޔެ

އައި.އެސްއާ ދެކޮޅަށް އަސްކަރީ ހައްލެއް ހޯދުމަށް ތައްޔާރު-ބައިޑަން


ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައި.އެސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ މައްސަލައަށް އަސްކަރީ ހައްލެއް ހޯދުމަށް އެމެރިކާއާއި ތުރުކީވިލާތުން ތައްޔާރަށް އޮތްކަމަށް އެމެރިކާގެ ނަޢިބު ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.ތުރުކީވިލާތުގެ އިސްތަންބުލްއަށް ވަޑައިގެން އެޤައުމުގެ ބޮޑުވަޒީރު އަހްމަތު ދަވުތޫލޫއާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމެރިކާގެ ނާއިބު ރައީސް ބައިޑަން ވިދާޅުވީ، ސޫރިޔާގައި ހަރަކާތްތެރިވާ އައި.އެސް ހަނގުރާމަވެރިން ބަލިކުރުމަކީ ތުރުކީއާއި އެމެރިކާއިން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އައި.އެސްއާ ގުޅުމަށް ދާ ހަނގުރާމަވެރިން ހުއްޓުވައި އައި.އެސްއަށް ހަތިޔާރު ލިބޭ މަގުތައް ބަންދުކުރުމަށްވެސް ދެ ޤައުމުން ބޭނުންވާކަން ބައިޑަން ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލްވާނީ އަސްކަރީ ހައްލެއް ހޯދައިގެން ކަމަށްވާނަމަ މިކަމަށް ދެޤައުމު ތައްޔާރަށް އޮތްކަމަށްވެސް ބައިޑަން ވަނީ ހާމަކުރައްވާފައެވެ.ސޫރިޔާގެ އިތުރުން އިރާޤުގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ދަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.