ޚަބަރު

އެމްޑަބްލިއުއެސްސީ ހިޔާ ޓަވަރުގެ މަސައްކަތް ޖޫން މަހު ނިމޭނެ - ޝާހު


ހިޔާ މަޝްރޫޢުގައި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން ތަރައްޤީކުރާ ޓަވަރުތަކުގެ މަސައްކަތް ޖޫން މަހަށް ނިންމާލެވޭނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިހައުސިންގ ޔުނިޓްތަކުގައި 1ކޮޓަރިއާ 2ކޮޓަރި އާއި 3ކޮޓަރީގެ އެޕަރޓްމަންޓްތައް ހިމެނެއެވެ.

ހިޔާ ހައުސިންގ މަޝްރޫޢުގެ ދަށުން، ސަރުކާރު ޙިއްސާވާ ކުންފުނިތަކަށްވެސްވަނީ ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ ފުރުޞަތު ދީފައެވެ. މީގެތެރެއިން މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާ އެއް ކުންފުންޏަކީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އެވެ.

އެކުންފުނިން ޢިމާރާތްކުރަން ދޫކޮށްފައިވަނީ 15 ފަންގިފިލާގެ 2 ޓަވަރެވެ. އެއީ ޖުމްލަ 384 އެޕަރޓްމަންޓެވެ. ނަމަވެސް އެ ކުންފުނިން ފަށާފައިވަނީ އެއް ޓަވަރުގެ މަސައްކަތެވެ. މިޓަވަރުގަ 1ކޮޓަރިއާ 2ކޮޓަރި އާއި 3ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާއިން ފެށިގެން ހަތަރުވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ އެއް ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. އަދި ފަސްވަނަ ފަންގިފިލާއިން ފެށިގެން 14ވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ 2ކޮޓަރިއާ 3ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ޓަވަރުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތައްކަމަށެވެ. ޝާހް ވިދާޅުވީ ފްލެޓްގެ މަސައްކަތްތައް ޖޫން މަހުގެ ތެރޭގައި ނިމޭނެކަމަށާއި ނަމަވެސް ބައެއް މުވައްޒުން ފްލެޓްގެ އެތެރޭގެ ކަންކަމަށް ބަދަލު ގެންނަން ބޭނުންވާތީ އެކމަުގެ ފުރުޞަތު މުވައްޒފުންނަށް ދީފައި އޮންނާނެކަމަށެވެ. ޝާހް ވިދާޅުވީ ފްލެޓްތަކަށް އެދުމުގެ ދެވަނަ ބުރަށް ހުޅުވާލާފައިވާކަމަށާއި އެ މަސައްކަތްވެސް ޖޫން ޖުލައިގައި ނިންމާލެވޭނެކަމަށެވެ.

ޝާހު ވިދާޅުވީ ޓަވަރުގެ މަސައްކަތަށް ފައިނޭންސްކުރަނީ ކުންފުނީގެ އަމިއްލަ ފައިސާއިންކަމަށެވެ. މި މަސައްކަތަށް އެއްވެސް ލޯނެއް ކުންފުނިން ނަގާފައިނުވާނެކަމަށެވެ.

15 ފަންގިފިލާގެ ޓަވަރުގައި އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިނަކީ 393.95 އަކަފޫޓާއި 405.18 ދެމެދެވެ. ދެ ކޮޓަރީގެ އެޕާޓުމެންޓު ތަކުގެ ބޮޑުމިނުގައި 692.63 އަކަފޫޓާއި 702.08 އަކަފޫޓު ހުންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ސައިޒު އުޅެނީ 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުގައެވެ.

ކުންފުނީގެ ފްލެޓްލިބޭ ބައެއް މުޢައްޒަފުންނަށް ފްލެޓްވަނީ ޔަގީންވެފައެވެ. ފްލެޓު ލިބޭ މުވައްޒަފުންނަށް ފައިސާ ދެއްކުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުން ގެންދާކަމަށާއި އެކަމަށް ކުރިއެރުންވެސް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.