ޚަބަރު

ތިލަފުށި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި


ތިލަފުށީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ތިލަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްތެމްބަރު މަހުގައެވެ.

ތިލަފުށީގެ އުތުރު ފަރާތުގެ ގޮނޑުދޮށް ގިރަމުންދާތީ އެ މަސައްކަތް ކުރުމަށް އެޗްޑީސީން ހަވާލުކުރީ ރައިސަރ ޕްރައިވެޓް ލިމިޓެޑްއާއެވެ.

އެޗްޑީސީން ވިދާޅުވީ ތިލަފުށީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވާކަމަށެވެ. ތިލަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގައި 100 މީޓަރު ދިގުމިނުގައި ވަނީ ބޮޑު ހިލަ ޖަހާފައެވެ.

ތިލަފުށީގެ އުތުރު ފަރާތް ގިރަން ފެށުމުގެ ސަބަބުން އެ ސަރަޙައްދުގައި ހުރި އެމްޑަބްލިއުއެސްސީގެ ފެން ރައްކާކުރާ ޓެންކު ހުރީ ނުރައްކަލެއްގެ ތެރޭގައެވެ. އަދި އެ ޓޭންކަކީ ތިލަފުށީގައި ދިިރިއުޅޭ މީހުންނަސް ފެން ފޯރުކޮށްދޭ ޓޭންކްވެސްމެއެވެ.

ތިލަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު އެޗްޑީސީން ވަނީ ތިލަފުށީ ފަޅުން 160 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް އަލަށް ބިން ހިއްކާ ސަރަހައްުދުން ބޮޑު ބިމެއް ވަނީ ހާއްސަކޮށްފައެވެ. އޭގެއިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރި ސަރަހައްދުތައްވެސް ހިމެނެއެވެ.

އެޗްޑީސީން އެ މަސައްކަތަށް ތައްޔާރުކުރި ޑިޒައިން ރިޕޯޓުގައި ބުނާ ގޮތުގައި މި މަޝްރޫޢަށް 500،000 ކިއުބިކް މީޓަރުގެ ވެލި ބޭނުނެވެއެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތަކުން ބޭނުންވާ ވަރަށް ވެލި ނަގައިގެން ބޭނުންކުރެވިދާނެ ކަމަށްވެސް ރިޕޯޓުން ދައްކައެވެ.