ޚަބަރު

ހަތަރު ރަށެއްގައި އައު ހޮސްޕިޓަލް ހަދަން ޙަވާލުކޮށްފި


ހއ.ދިއްދުއާއި ދ.ކުޑަހުވަދުއާއި ގއ.ވިލިނގިއްޔާއި ރ.އަލިފުށީގެ އައު ހޮސްޕިޓަލް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ފުޅާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ.

މި މަސައްކަތްތަކުގެ ތެރެއިން ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންސް އިންޑިއާ ލިމިޓެޑާ ޙަވާލުކުރައްވާފައިވަނީ ހއ.އަތޮޅު ހޮސްޕިޓަލާއި ދ.އަތޮޅު ހޮސްޕިޓަލާއި ގއ.އަތޮޅު ހޮސްޕިޓަލާއި ރ.އަލިފުށީގެ ހޮސްޕިޓަލް ޑިޒައިން ކުރުމާއި އިމާރާތްކުރުމުގެ މަސައްކަތެވެ.

މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އަޙްމަދު ޢާދިލެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ(ސިވިލް) އަތުލް ކުމާރު ޖެއިންއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލް ތަރައްޤީކުރާ ރަށްތަކުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްރޫޢުގައި ހިމަނާފައިވާ އަތޮޅު ހޮސްޕިޓަލްތައް ހަދަނީ މިހާރުވެސް އަތޮޅު ހޮސްޕިޓަލްތައް ހުރި ރަށްރަށުގައެވެ. އެގޮތުން ހއ.އަތޮޅު ހޮސްޕިޓަލް ހއ.ދިއްދޫގައި، ދ.އަތޮޅު ހޮސްޕިޓަލް ދ.ކުޑަހުވަދޫގައި، ގއ.އަތޮޅު ހޮސްޕިޓަލް ހަދަނީ ގއ.ވިލިނގިލީގައެވެ.

މަޝްރޫޢުގައި ހިމެނޭ 4 މަޝްރޫޢުގެތެރެއިން، ދިއްދޫ، ކުޑަހުވަދޫ އަދި ވިލިގިނލީގައި ތަރައްޤީކުރަނީ 50 އެނދުގެ ހޮސްޕިޓަލްތަކެވެ. ރ.އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއަން އެގްޒިމް ބޭންކްގެ ބަޔަރސް ކްރެޑިޓް ސްކީމްގެ ދަށުންވެ. ހެލްތް މިނިސްޓްރީއިން ވިދާޅުވީ 4 ރަށުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މި މަޝްރޫޢުއަށް 57،230،000 (ފަންސާސް ހަތް މިލިއަން ދެލައްކަ ތިރީސްހާސް އެމެރިކާ ޑޮލަރު) އަރާކަމަށެވެ.

ސަރުކާރުން ވަނީ ސިއްޙީ ދާއިރާގެ ތަރައްޤީއަށް، ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރައްވައި އޭގެ މަސައްކަތްތައް ފަށްޓަވާފައެވެ.

މިއަހަރުގެ އޭޕްރިލްމަހުގެތެރޭގައިވަނީ މިހާރު ސިއްޙީ މަރުކަޒު ހިންގަމުން އަންނަ 7 ރަށެއްގައި ހޮސްޕިޓަލް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކުރައްވާފައެވެ. މި ރަށްތަކަކީ ހދ.ހަނިމާދޫއާއި ށ.މިލަންދޫއާއި ނ.ވެލިދޫއާއި، ކ.ތުލުސްދޫއާއި، އދ.މާމިގިލީއާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުށީގައެވެ. މި ޕްރޮޖެކްޓްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 30 އެންދުގެ ހޮސްޕިޓަލްތަކެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 5 ސަރަޙައްދެއްގައި ޓަރޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގެތެރިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީވެގެން އަންނައިރު، މިއިން ބައެއް ހޮސްޕިޓަލްތައް ބައެއް ބޮޑެތި ބަލިތަކަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލްތަކަށް ބަދަލުކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.