ޚަބަރު

ގައްދޫ މަގުތަކުގައި ތާރު އެޅަން ތާއްޔާރުވެއްޖެ


ގދ.ގައްދޫގެ މަގުތަކުގައި ތާރުއަޅަން ފެށުމަށް ތައްޔާރުވުމަށް އަޅާ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް އާރްޑީސީން ފަށައިފިއެވެ. މި މަޝްރޫއުގައި ގައްދޫގެ މައި 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއެވެ.

މަގުތައް އަޑިގުޑަންވުމާއި، އަދި ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ފަހަކަށް އައިސް ގިނަ ރަށްތަކަށް ކުރިމަތިވާ މައްސަލައެކެވެ. ޚާއްސަކޮށް ވިއްސާރަ ދުވަސްވަރު ފެން ނުހިނދި ގިނަ ދުވަސްވުމުގެ ސަބަބުން މަގުތައް ޗަކަވެ ބޭނުންކުރުމަށް ދަތިވާ ހިސާބަށް ދެއެވެ.

މިގޮތަށް ހުރި ބޮޑެތި ގިނަ ރަށްތަކެއްގެ މަގުތައް، ޒަމާނީ ފެން ހިންދާ ނިޒާމާއެކު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކޮށް ގދ.ގައްދޫގެ ބޮޑެތި މައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2020ވަނަ އަހަރުއެވެ.

މި މަޝްރޫޢުގައި ގައްދޫގެ ވަށައިގެން އޮންނަ ބޮޑުމަގު ހިމެނޭގޮތަށް 6 މަގެއް ތާރު އަޅައިގެން ތަރައްޤީ ކުރުން ހިމެނެއެވެ. އެއީ ޖުމްލަ 6 ކިލޯ މީޓާރުގެ މަގުގެ ސަރަޙައްދެވެ.

މި މަޝްރޫޢުގައި މިހާތަނަށްވަނީ ފެން ހިންދާ ނިޒާމަށް ބޭނުންވާ ކާނުތައް ބެހެއްޓުމާއި، ކޭބަލް ޖަންކްޝަންތައް ހެދުމާއި، ހިނަގަން ޚާއްސަ ސަރަޙައްދުތަކުގެ ޕޭމްނަޓްތަކުގެ މަސައްކަތްވެސް ނިންމާފައެވެ.

މަގުހެދުމުގައި އެންމެ ފަހުގެ މަސައްކަތެއްގެ ގޮތުން ކުރަނީ މަގުތަކުގައި ތާރު ފަށަލަ އެޅުމުގެ މަސައްކަތެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ވިދާޅުވީ މަގުހެދުމުގެ މައި ހުރިހާ މަސައްކަތެއް ނިމި، ތާރު އެޅުމާއި ގުޅޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ތާރު އެޅުމުގައި އެންމެ ފުރަތަމަ ހިމެނޭ އޭބީސީ ލޭޔާރ މަގުތަކުގައި އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މިއާއެކު މަގުތަކުގެ މައި ތާރު ފަށަލަ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

މަގުތައް ނިމޭއިރު ރަށުގައި ފެން ބޮޑުވާ މައްސަލައަށް ބޮޑުޙައްލެއް ލިބޭނެއެވެ. މަޝްރުޢުގައި ހިމެނޭ ފެންހިންދާ ނިޒާމުގައި، ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް ހިމެނޭނެއެވެ. އަދި މުޅި ޕްރޮޖެކްޓް ނިމޭއިރު މަގު ބައްތި ޖެހުމާއި، މަގުތަކުގައި ބަންޕަރު ހަރުކުރުމާއި ޓްރެފިކް ނިޝާންތައްވެސް ޖަހާނެއެވެ.

މި މަޝްރޫއަކީ ސަރުކާރުން 75މިލިއަނަށްވުރެ ގިނަ ރުފިިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ބިމުގެ ބޮޑުމިނުގައި 25.2 ހެކްޓަރު ހުންނަ ގައްދޫގެ އާބާދީ 3049 އަށް އަރައެވެ.