ޚަބަރު

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަކީ އެރަށަށް ދިމާވެފައިއޮތް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ޙޯދައިދިނުމުގެ ގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީން ހިލަ ޖެއްސުމުގެ އަމަލީ މަސައްކަތް ފެށީ އިއްޔެއެވެ. މި މަސައްކަތް އެރަށުގައި ކުރިއަށްގެންދަނީ އެރަށުގެ ފަރަށް ގެއްލުން ނުވާނެހެން، ރަށުގެ ގޮޑުދޮށް ނުގެއްލޭނެހެން ފަތުރުވެރިކަމަށްވެސް ބޭނުން ކުރެވޭގޮތަށް ޑިޒައިންކޮށްގެންނެވެ.

މި މަޝްރޫއުގެ މަސައްކަތަށް ބަލާއިރު ހިމާޔަތްކުރުމަށް ހިލަ ޖައްސާނީ ކަނޑު ތޮށި ޖަހާ އުސޫލުން ބައިބައި ވަކިން މޫދުގައެވެ. އަދި މިއިން ކޮންމެ ދެތޮށްޓެގެ މެދުގައި ރާޅު ވެއްދުމަށާ އޮއެވަރު ދެމުމަށް ޖާގައެއް ބާއްވާނެއެވެ.

ހިލަ ޖެއްސުމުގެ މަސައްކަތް ފަށާފައިވަނީ ރަށުގެ ހުޅަނގު ފަރާތުންކަމަށާ އެއީ މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްތަކަކަށްވުމުން އެސަރަހައްދުގައި އޮތް ވެލި ގަނޑު ހިފެހެއްޓުމުގެ ބޭނުމުގައިކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުން އަންނަ ދަރަވަންދޫގައި ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަނީ އެރަށުގެ އުތުރު ފަރާތެވެ.

ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، އަދި 490 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް 96 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

22.14 މިލިއަން ރުފިޔާ ޚަރަދުވާ މިމަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.