ވިޔަފާރި

ޓުޓިކޮރިންއިން އައްޑޫއަށް ކުރި ދަތުރު ހުއްޓާލީ ޑިމާންޑް ނެތިގެން - އެމްއެސްއެސް


މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން އިންޑިއާގެ ޓުޓްކޮރިންއާއި އައްޑޫ ސިޓީއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލީ އައްޑޫން އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުންކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ޓުޓްކޮރިންއިން އައްޑުއަށް އެމްއެސްއެސްގެ ދަތުރުތައް ފަށާފައިވަނީ 2020ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. އަދި މި ދަތުރުތައް ހުއްޓާލާފައިވަނީ މާރޗް 2022ގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވަނީ ޓުޓްކޮރިންއިން އައްޑުއަށް އެ ކުންފުނިން ކުރަމުންދިޔަ ކާގޯ ދަތުރުތައް ހުއްޓާލަންޖެހުނު ސަބަބު ވަރަށް ތަފްސީލީކޮށް ހާމަކުރައްވާފައެވެ. މި ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކޮށްފައިވަނީ ބޮންތި2 ނަމަކަށް ކިޔާ ކާގޯ އުފުލާ ބޯޓެކެވެ. ދަތުރު ފެށިއިރު މައިގަނޑު ގޮތެއްގައި އުފުލަމުންދިޔައީ އެސްޓީއޯގެ މުދަލާއި އައްޑޫގައި ހިނގަމުންދިޔަ ބައެއް ޕްރޮޖެކްޓްތަކުގެ މުދާކަން ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، ޓުޓްކޮރިންއިން އައްޑޫއަށް ދަތުރު ފެށިއިރުވެސް އެންމެބޮޑު އުންމީދަކަށްވީ އައްޑޫގެ އަމިއްލަ ވިޔަފާރިވެރިންގެ އޯޑަރުތައް ގިނަވެ ދާއިމީކޮށް މި ޚިދުމަތް ދެވޭނެކަމަށެވެ. ނަމަވެސް ކަންތައްވީ އެހެން ނޫންކަން ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، އެ ކުންފުނި މެދުވެރިކޮށް މުދާ ގެނެސްފައިވަނީ އައްޑޫގެ އެންމެ 14 ފަރާތަކުންކަމަށެވެ. އޭގެތެރޭގައި އައްޑޫ އެއަރޕޯޓްސްފަދަ ކުންފުނިތައްވެސް ހިމެނެއެވެ. މި 14 ފަރާތުގެ ތެރެއިންވެސް ގަވައިދުން މުދާ ގެނެސްފައިވަނީ އެންމެ 5 ފަރާތަކުންނެވެ. ބޯޓުން ގެންނަ މުދަލުގެ ތެރެއިން އައްޑޫ ވިޔަފާރިވެރިން ގެނެސްފައިވަނީ އެންމެ %15 މުދާކަން ސައީދު ފާހަގަކުރެއްވިއެވެ.

" 1 އަހަރާއި 5 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެޅިފައި އެވަނީ 19 ދަތުރު. 19 ދަތުރަށް ބަލާއިރު މުޅި ޖުމްލަ އަޅުގަނޑުމެންނަށް ގެނެވިފައި ވަނީ 75973 މެޓްރިކް ޓަން. މީގެތެރެއިން %85 އަކީ އެސްޓީއޯގެ މުދަލާއި ޕްރޮޖެކްޓް މުދަލާއި. އެހެންވީމަ %15 އައްޑޫ ވިޔަފާރިތަކުން އަޅުގަނޑުމެންނަށް މި ލިބުނީ. %15 އޭގެ މާނައަކީ އަޅުގަނޑުމެން 19 ދަތުރު ކުރިއިރު ދަތުރެއްގައި އެންމެ ގިނަވެގެންވެސް މިލިބެނީ 600 ވަރަކަށް ޓަނު. އަޅުގަނޑުމެން އެތާ ބޭނުންކުރީ 3800 ޓަނުގެ ބޯޓެއް. އެވަރުގެ ބޯޓެއް އެހާ މަދު މުދާ 600 ޓަނު ލައިގެނެއް ނުދުއްވޭނެ އިނގޭތޯ. އެއީ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެ. އެހެންވެގެން އަޅުގަނޑުމެން އެންމެ ބޮޑަށް ހުއްޓާލަން މި ނިންމީ." ޢަބްދުﷲ ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ކާގޯ ދަތުރުތައް ކޮށްކޮށް ހުއްޓައި އައްޑޫގައި ހިނގަމުންދިޔަ މަޝްރޫޢުތައް ނިމި ޑިމާންޑް ވަރަށްބޮޑަށް ދައްވެ މުދާ އައުން ހުއްޓުނީކަމަށެވެ. މިހާރު ބައެއް މަޝްރޫޢުތައް ހިނގާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޑިމާންޑް އޮވެއްޖެނަމަ އަލުން އަނެއްކާވެސް އައްޑުއާއި ޓުޓްކޮރިންއާ ދެމެދު އެ ކުންފުނިން ދަތުރު ބާއްވާނެކަމަށެވެ.

"އައްޑޫގައި އެއިރު ހިނގަމުންދިޔަ ބައެއް ޕްރޮޖެކްޓްސް ނިމުނީ. ޕްރޮޖެކްޓް ނިމުމަށްވުރެ މުދާ އައުން އަޅުގަނޑުމެންނަށް ހުއްޓުނީ. މިހާރުވެސް އެބަހިނގާ ޕްރޮޖެކްޓްތަކެއް. އަޅުގަނޑުމެން ލަފާކޮށްގެން މިތިބީ މި ޕްރޮޖެކްޓް ތަކުގެ މުދާވެސް އަޅުގަނޑުމެންނާ ހަމައަށް އަންނާނެއޭ. އެހެންވެއްޖިއްޔާ އަޅުގަނޑުމެން އެ ސަރވިސް ދޭނަން. އަޅުގަނޑުމެން ބޯޓެއް ޗާޓަރުކޮށްގެން ޑިމާންޑް އޮވެއްޖެއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އެކަމަކު މިވަގުތު އައްޑޫއަކަށް އިންޑިއާއިން ޑައިރެކްޓްކޮށް މުދާ ގެނައުމުގެ ޑިމާންޑެއް ނެތް." ސައީދު ވިދާޅުވިއެވެ.

އިންޑިއާއިން އައްޑޫއަށް އެމްއެސްއެސްއިން ކުރި ދަތުރުތަކުގައި ވިޔަފާރިވެރިން ގެނެސްފައިވަނީ ގިނައިން ޕެރިޝަބަލް ނުވަތަ ކާބޯތަކެތީގެ ބާވަތްތަކެވެ. މި ދަތުރުތައް އެމްއެސްއެސްއިން ފެށީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެގޮތުން ބޯޓުގައި ރީޕަރ ނުވަތަ ފިނިކުރި 4 ކޮންޓެއިނަރވެސް ވަނީ ބަހައްޓާފައެވެ. ނަމަވެސް ހަމައެކަނި ޕެރިޝަބަލް ތަކެތި ގެނައުމަށް ވަކި ބޯޓެއް ނުބޭއްވޭނެކަމަށާއި އެ ކުންފުނިން އުންމީދުކުރިވަރަށް އައްޑޫގައި މި ޚިދުމަތަށް ޑިމާންޑް ނެތްކަމަށް އެމްއެސްއެސްއިން ވިދާޅުވެއެވެ.

ސައީދު ވިދާޅުވީ، އެމްއެސްއެސްއަކީ ވިޔަފާރި ކުންފުންޏަކަށްވެފައި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްކުރާއިރު އެއްވެސް ސެކްޓަރއެއް ގެއްލުމެއްގައި އޮޕަރޭޓް ނުކުރެވޭނެކަމަށެވެ. ޑިމާންޑް ނެތުމުގެ މައިގަނޑު ސަބަބަކަށް އެމްއެސްއެސްއިން ދިން ޚިދުމަތަކީ މިވަގުތު އައްޑުއަށް ބޭނުންނުވާ ޚިދުމަތަކަށް ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.