މުނިފޫހިފިލުވުން

އައިޑަލް ކާމިޔާބުވުމުގައި - ޕީ.އެސް.އެމް ޓީމުގެ ހިއްސާ ބޮޑު


"މޯލްޑިވިއަން އައިޑަލް - ލޯންޗްކުރުން" "ވިޒިޓް މޯލްޑިވްސް އިޔަރ މިއުޒިކް ފެސްޓިވަލްގެ އިންޑިޕެންޑެންސް ޑޭ އެޑިޝަން"ގެ ނަމުގައި ބޭއްވި މިއުޒިކް ޝޯއަކީ ޒުވާނުންގެ މެދުގައި ވަރަށްވެސް "ހިޓް" ވި ޝޯވއެކެވެ. މި ޝޯވއިން ފެނިގެންދިޔަ އެންމެ ޚާއްސަ އެއް ކަމަކީ، ރާއްޖޭގެ ތާރީޚުގައިވެސް ފްރެންޗައިޒް އުސޫލުން ބާއްވާ އެންމެ ފުރަތަމަ ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ރާއްޖޭގައި ބާއްވަން ނިންމާފައިވާކަމުގެ އުފާވެރި ޚަބަރު ޕަބްލިކް ސަރވިސް މީޑިއާއިން އިޢުލާން ކުރުމެވެ. މޯލްޑިވިއަން އައިޑަލް ރާއްޖެއަށް ތަޢާރަފުކޮށްދެއްވާ، ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައި ވަނީ މި ޝޯވގެ ތެރެއިންނެވެ. އަދި ޕީ.އެސް.އެމްގެ ބޯޑުން މި ނިންމުން ނިންމަވާފައިވަނީވެސް އެދުވަހު އޮތް ބޯޑު މެމްބަރުންގެ ބައްދަލުވުމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ. މިކަންވެގެންދިޔައީ، މިއުޒިކަށް ލޯބިކުރާ އަދި ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައިތިބި އެތައް ޒުވާނުންތަކަކަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. ޕީ.އެސް.އެމުން ވަނީ ބޭރުގެ އެހެން ޤައުމުތަކުގައިވެސް ކަންކުރާ އުސޫލުން ފަންނީ ބޭފުޅުންގެ ލަފާގެ މަތިން، އައިޑަލްގެ ޕްރޮޖެކްޓް ޓީމެއް އެކުލަވާލާފައެވެ. މި ޓީމްގައި ޕްރޮޖެކްޓް ހެޑެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދެވެ. މި ޝޯވގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޝާޔަންގެ ބެއްލެވުމުގެ ދަށުންނެވެ. ޝޯވގެ ކްރިއޭޓިވް ޑިރެކްޓަރަކީ މުޢާވިއަތު އަންވަރެވެ. ޝޯވ ޑައިރެކްޓަރަކީ މުޖުތަބާ ރަޝީދު އަދި އައިޝަތު އަޒްމާއެވެ. މި ޓީމަކީ ޓީ.ވީ.އެމްގެ ތާރީޚުގައި ބެލުންތެރިން ގަޔާވާފަދަ ކާމިޔާބު އުފެއްދުންތަކެއް ގެނެސްދީފައިވާ ވަރަށްވެސް ހުނަރުވެރި މެމްބަރުންތަކެއް އެކުލެވޭ ޓީމެކެވެ."އައިޑަލްގެ ބްރޭންޑް ލައިސެންސް އެގްރިމެންޓުގައި ޕީ.އެސް.އެމުން ސޮއިކުރުން"ފްރެމެންޓަލް މީޑިއާއާއިއެކު ޕީ.އެސް.އެމްގެ ފަރާތުން ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ އެއް ވަނަ ދުވަހުގެ ރޭގައެވެ. މިއީ އިންޓަރނޭޝަނަލް ޓީވީ ޝޯވއެއް ފްރެންޗައިޒް އުސޫލުން ރާއްޖޭގެ ޓީވީ ޗެނަލެއްގައި ދެއްކުމަށް ހަމަޖެހުނު ފުރަތަމަ ފަހަރެވެ. ފްރެމެންޓަލް މީޑިއާއަކީ މަޝްޙޫރު ރިޔަލިޓީ ޝޯވއެއްކަމަށްވާ "ޕޮޕް އައިޑަލް" ފްރެންޗައިޒް އުސޫލުން ދުނިޔޭގެ އެކި ޤައުމުތަކުގައި ދެއްކުމުގެ ލައިންސްދޫކުރާ، އިނގިރޭސި ވިލާތުގެ ކުންފުންޏެކެވެ. ފްރެމެންޓަލް މީޑިއާގެ އިތުރުން، ރާއްޖޭގައި މި ޝޯވ އިންތިޒާމްކުރާ ލޯކަލް އޭޖެންޓްކަމަށްވާ ލަކްސޯ އިންޓަރނޭޝަލްއާއެކުވެސް ޕީ.އެސް.އެމްގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. މި ޝޯވ ރާއްޖޭގައި ވީހާވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށާއި، ޝޯވ ޕްރޮމޯޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއާއި، ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސް، އެން.ސީ.އޭއާއި އެކުވެސް ޕީ.އެސް.އެމުން ސޮއިކޮށްފައިވެއެވެ. އައިޑަލް ޝޯވ ރާއްޖޭގައި ހޯސްޓް ކުރުމުގެ ރައިޓްސް ޕީ.އެސް.އެމްއަށް ލިބުމާއެކު މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަށާނެކަން އިޢުލާންކޮށް، ޝޯވގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. "އައިޑަލް ޓީމުން އިންޑިއާއަށް ކުރި ދަތުރު"ޝޯވގެ ޕްރޮޑަކްޝަން ޓީމެއް ކަނޑައަޅާ، މޯލްޑިވިއަން އައިޑަލްއަށް ތައްޔާރުވުމުގެ ގޮތުން ޕީ.އެސް.އެމްގެ 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އިންޑިޔާއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. މިދަތުރުގައި އިންޑިއަން އައިޑަލް ޖޫނިޔާގެ ޝޯތައް ކުރިއަށްގެންދާ ގޮތުގެ ޢަމަލީ ތަޖުރިބާ ހޯދިއެވެ. އިންޑިއަން އައިޑޮލް ޖޫނިއަރ ޝޯވް ކުރިއަށް ދާ ގޮތުގެ މަޢުލޫމާތު ހޯދާ، މި ޝޯވްގެ ކްރިއޭޓިވް ޑިރެކްޓަރ ސަތިޝް ދަތު އާއިވެސް ޕީ.އެސް.އެމްގެ ޓީމުންވަނީ ބައްދަލުކޮށްފައެވެ. މީގެ އިތުރުން އިންޑިއަން އައިޑޮލް ޖުނިއަރގެ ރިހާސަލް ޝޯވް އެއް ކުރިއަށް ދާ ގޮތްވެސް މި ޓީމުންވަނީ ޢަމަލީގޮތުން ތަޖުރިބާކޮށްފައެވެ. މިދަތުރަށްފަހު، އޯގަސްޓްމަހުގެ 7 ވަނަ ދުވަހު އިންޑިއަން އައިޑަލް ޖޫނިއަރގެ ކްރިއޭޓިވް ޑައިރެކްޓަރ ސަތިޝް ދަތު ރާއްޖެއައެވެ. ސަތިޝްގެ މި ދަތުރުގައި ޕީ.އެސް.އެމްގެ މެނޭޖްމަންޓާއި، މޯލްޑިވަން އައިޑަލްގެ ޕްރޮޑަކްޝަން ޓީމާއި ބައްދަލުކޮށް، އޭނާގެ ތަޖުރިބާ ހިއްސާކޮށް، ރާއްޖޭގައި މި ޝޯވ ކުރިއަށްގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. "މޯލްޑިވިއަން އައިޑަލްގެ ޖަޖުންނާއި ޕްރެޒެންޓަރުން އިޢުލާންކުރުން"މޯލްޑިވިއަން އައިޑަލްގެ ޖަޖުން އިޢުލާން ކުރުންވެގެންދިޔާއި، މި ޝޯވއަށްޓަކައި، ބައިވެރިންގެ އިތުރުން ބެލުންތެރިން ކުރަމުންދިޔަ އުއްމީދުތަކަށްވެސް އިތުރު ފުރިހަމަކަމެއް ގެނުވިކަމަކަށެވެ. ސަބަބަކީ ޖަޖުންގެ ގޮތުގައި ފްރެމެންޓަލް މީޑިއާއިން އިޢުލާންކޮށްފައިވާ 3 ފަންނާނުންނަކީ، މިވަގުތު ރާއްޖޭގެ މިއުޒިކީ ދާއިރާގައި ކާމިޔާބު އަދި އާއްމުންގެވެސް ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ތިން ފަންނާނުންނަށްވުމުންނެވެ. މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ގޮތުގައި  މަރިޔަމް އުނޫޝާ، އިބްރާޙީމް ޒައިދު ޢަލީ އަދި އަޙްމަދު އިބްރާޙީމް ހޮވުނުކަން އިޢުލާންކޮށްފައި ވަނީ އޯގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ. މި 3 ފަންނާނުންނަށް، އެކަމާއި ގުޅޭ ރަސްމީ އެގްރީމެންޓް ހަވާލުކޮށްދެއްވާފައި ވަނީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދެވެ.އައިޑަލްގެ ފިރިހެން ޕްރެޒެންޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިދާއިރާރިން މިވަގުތު ރާއްޖޭގައި ތިބި އެންމެ ކުޅަދާނަ ފިރިހެން ޕްރެޒެންޓަރުންގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައިވާ، ޓީ.ވީ.އެމްގެ ކުޅަދާނަ އަދި ހުނަރުވެރި ޕްރެޒެންޓަރ މޫސާ ވަސީމް މުޙައްމަދެވެ. އަދި އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި ހޮވާފައިވާ އައިމިނަތު މައުރީންއެވެ. އާއްމު ނަމުންނަމަ މައު އަކީވެސް ޕްރެޒެންޓް ކުރުމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ. "އައިޑަލްގެ އޮޑިޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެށުން"ގާތްގަނޑަކަށް 2 މަސް ދުވަހުގެ ތައްޔާރީތަކަށްފަހު، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ އޮޑިޝަން އައްޑޫ ސިޓީ ހިތަދޫގައި ބާއްވާފައިވަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ އޮޑިޝަނާއެކުވެސް، މިޝޯވއަށް ޒުވާނުންގެ ފަރާތުން ވަރަށްވެސް ބޮޑު ތަރުޚީބެއް ލިބެންފެށިއެވެ. އައިޑަލްގެ ދެވަނަ އޮޑިޝަން ގއ. ވިލިނގިލީގައި ބާއްވާފައިވާއިރު، ތިން ވަނަ އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ޅ. ނައިފަރުގައެވެ. އަތޮޅުތަކުގައި ބޭއްވި އެންމެ ފަހު އޮޑިޝަން ކުރިއަށްގެންގޮސްފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އަތޮޅުތަކުގެ އޮޑިޝަންތަކަށްފަހު، މާލޭ ސިޓީގައި އައިޑަލްގެ އޮޑިޝަން ބާއްވާފައި ވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.  މިއީ ރިއަލިޓީ ޝޯވއެއްކަމުން ބައިވެރިންގެ އިހްސާސްތަކާއި، އެމީހުންގެ މޫނުމަތިން ފެންނަ ކުލަވަރުތަކާއި، ޝޯވއަށް ތައްޔާރުވެފައިވާ މިންވަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ޝޯވގެ ޕްރޮޑަކްޝަން ޓީމުން ހުރިހާ ބައިވެރިންގެވެސް ހަރަކާތްތައް މޮނިޓަރކޮށްފައިވެއެވެ. އަދި އެބައިވެރިއެއްގެ އާއްމު ދިރިއުޅުމުގައި ކުރާ ކަންތައްތައް ވިހާވެސް ފުރިހަމަކޮށް ގެނެސްދިނުމަށްޓަކައި އެފަދަ މަންޒަރުތައް ކެމެރާކޮށް ރިކޯޑް ކުރުމުގެ މަސައްކަތްވެސް ޕްރޮޑަކްޝަން ޓީމުން ވަނީކޮށްފައެވެ. "ޝޯވ ސްޕޮންސަރކުރުމުގެ ފުރުސަތު ހުޅުވާލުން"މި ޝޯވް ވެގެން ދާނީ ވިޔަފާރިވެރިންނަށް ޕީ.އެސް.އެމްގެ ޓީވީ، ރޭޑިއޯ، އޮންލައިން އަދި މެގަޒިންގައި އިޝްތިހާރު ކުރުމަށްވެސް ލިބިގެންދާނެ ރަނުގެ ފުރުޞަތެއްގެ ގޮތުގައި ޕީ.އެސް.އެމުން ފާހަގަކުރެއެވެ. އައިޑަލް ސްޕޮންސަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި، މި ޝޯވގެ ޓައިލް ސޮޕްންސަރެއްގެ ގޮތުގައި ދިރާގު ވަނީ ހަމަޖައްސާފައެވެ. އަދި މެއިން ސްޕޮންސަރުންގެ ގޮތުގައި، ލޮޓަސް ފިހާރަ، ވަޓިކާ ހެއަރ ކްރީމް، އަދި އެލައިޑް އިންޝުއަރެންސްގެ އިތުރުން، ޤައުމީ އެއަރލައިން މޯލްޑިވިއަން ވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ބެވެރެޖް ޕާޓްނަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެކް.ސެލް އެނަރޖީ ޑްރިންކެވެ."ޝޯވގެ ކޮލެޓީއާމެދު ޕީ.އެސް.އެމުން ފަޚުރުވެރިވޭ" ދެން އޮތީ މި ޝޯވގެ ކޮލިޓީގެ ވާހަކައެވެ. ފެންވަރުގެ ގޮތުން ކިހާ މޮޅު އަދި ރަނގަޅު އުފެއްދުމަކަށް މޯލްޑިވިއަން އައިޑަލް ހެދިދާނެކަމުގެ ސުވާލެވެ. ޝޯވގެ ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުންގެ އިތުރުން ޓެކްނިކަލް ކްރޫވެސް ހިމެނޭހެން މޯލްޑިވިއަން އައިޑަލްގެ ޕްރޮޑަކްޝަން ޓީމްގައި ހަރަކާތްތެރިވަމުން ދަނީ ޕީ.އެސް.އެމްގެ ތިރީހަކަށް މުވައްޒަފުންނެވެ. ބޭރު ޤައުމުތަކުގައި އައިޑަލް ޝޯވ ބާއްވާގޮތާއި އެއް ފެންވަރަށް ދިވެހި ވަންތައްކޮށް ރާއްޖޭގެ މުޖުތަމަޢުއަށް ފެތޭނެހެން މި ޝޯވ ބައްޓަންކުރުމަކީ މުޅި އައިޑަލް ޓީމަށްވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. ނަމަވެސް މި ޝޯވގައި ދިވެހި ވަންތައް ކުލަ ޖެއްސުމަށް އައިޑަލްގެ އޮޑިޝަންތަކާއި ޝޯވ ޝޫޓް ކުރަމުގައިވެސް ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ގެނެސްދިނުމަށް ވަނީ ޚާއްސަ އިސްކަމެއްދީފައެވެ.އައިޑަލް ފަދަ އިންޓަރނޭޝަނަލް ފްރެންޗައިޒިންގ ބްރޭންޑެއް ރާއްޖޭގައި ފުރަތަމަ ބޭއްވުމަށް ޕީ.އެސް.އެމުން މަސައްކަތް ކުރަމުންދާއިރު، މި ޝޯވ ވެގެން ދާނީ މުޅި ޕްރޮޑަކްޝަން ދާއިރާ އިތުރު ސްޓޭޖަކަށް ގެންގޮސްދޭނެ ޝޯވއަކަށެވެ.  މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތަކުން ފެށިގެންގޮސް ގްރޭންޑް ފިނާލޭއާއި ހަމައަށް ބައިވެރިންނާއި ޕީ.އެސް.އެމްގެ މުޅި ޓީމް ކުރާ ދަތުރު ވީ އެންމެ ފުރިހަމައަކަށް ގެނެސްދިނުމަށް ޕީ.އެސް.އެމްގެ ޓީމް ވަނީ އަތުކުރި އޮޅާލާފައެވެ.މޯލްޑިވިއަން އައިޑަލް މެދުވެރިކޮށް ބެލުންތެރިން ޝަޢުގުވެރިވާނެ ފަދަ ކަންތައްތަކެއް ގެނެސްދިނުމަށްޓަކައި ބިޒީ ޝެޑިއުލްގައި އުޅެމުންވެސް މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުންދަނީ ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޝޯވ ހަޤީޤަތުގައިވެސް ވެގެންދާނީ ބެލުންތެރިން ޝަޢުގުވެރިވާނެ ފަދަ އެތައް މަންޒަރުތަކަކާއި އަޑުތަކެއް އެކުލެވިގެންދާ ވަރަށްވެސް އުއްމީދުން ފުރިގެންވާ ޝޯވއަކަށެވެ.