ޚަބަރު

ހިލްޓަން މޯލްޑިވްސް އަމިންގިރި، އަންނަ ޖުލައިމަހު ހުޅުވަނީ


ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓު އަންނަ ޖުލައިމަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓަކީ މާލެ އަތޮޅު ކޮށްދިއްޕަރު ފިނޮޅު ހިއްކައިގެން ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.

މި ރިސޯޓް ވެގެންދާނީ ހިލްޓަން ގުރޫޕުން ރާއްޖޭގައި ހިންގާ 4 ވަނަ ރިސޯޓަށެވެ. އަދި ހިލްޓަން ބްރޭންޑުގެ ނަމުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓަށެވެ. މި ރިސޯޓް ތަރައްޤީކޮށްފައިވަނީ އަމިންގިރި ހޯލްޑިންގްސްގެ ފަރާތުންނެވެ.

ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލޯންޗެއްގައި 15 މިނެޓުން ދެވޭނެއެވެ. 109 ކޮޓަރީގެ މި ރިސޯޓުގައި ގިނައީ މޫދު ކޮޓަރިތަކެކެވެ. އަދި ރިސޯޓުގެ ހުރިހާ ކޮޓަރިއެއްވެސް ތަރައްޤީކޮށްފައިވަނީ ޕްރައިވެޓު ޕޫލާއި އެކުއެވެ.

މި ރިސޯޓުގައި ތަފާތު އެކި ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެއެވެ. އަދި ޒުވާނުންނަށް ޙާއްސަ ކުޅިވަރު ކުޅޭ ސަރަޙައްދަކާއި، ސްޕާއެއްގެ ޙިދުމަތުގެ އިތުރުން ފިޓްނަސް ސެންޓަރެއްވެސް މި ރިސޯޓުގައި ވަނީ ތަރައްޤީކޮށްފައެވެ.

ހިލްޓަން ގުރޫޕުން މިހާރުވެސް ދަނީ ރާއްޖޭގައި ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް، ސާއި ލެގޫން މޯލްޑިވްސް އަދި ކޫރިއޯ ކަލެކްޝަން ބައި ހިލްޓަންގެ ނަމުގައި 4 ރިސޯޓެއް ހިންގަމުންނެވެ.