ކުޅިވަރު

ވެމްކޯ އާއި ޕޮލިހަށް ފަސޭހަ މޮޅެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބުން ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކުރީ އަލްމާ ސްޕޯޓްސް ކުލަބު އަތުން ސީދާ ތިން ސެޓުންނެވެ.

މި މެޗުގައި ވެމްކޯގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އައިމިނަތު އަރީޝާ އާއި، އައިޝަތު މާޖިދާ އަދި ފާތިމަތު ޖޫޒާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ވެމްކޯއިން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-4، 25-7 އަދި 25-5 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ މާޖިދާއެވެ.

މީގެ އިތުރުން މި މުބާރާތުގައި ކުލަބު އީގަލްސްއިން ކުޅުނު ފުރަތަމަ މެޗުގައި ޔޫތު ނިއު ޖެނެރޭޝަން އަތުން މޮޅުވި ނަމަވެސް، ރޭ ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގައި ޕޮލިހުގެ ނޭޕާލް ކުޅުންތެރިންޔާ ބިސްޓާ އާއި، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އަދި ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިންގެ އިތުރުން ހައިފާ އިމާދުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-19، 25-21 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހައްވައެވެ.

ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. އެ 10 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް އާއި، އަލްމާ ސްޕޯޓްސް ކުލަބާއި، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި، ކުލަބު އީގަލްސް އާއި، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލިންކޭޖެވެ.