ޚަބަރު

ބިލް ނުދައްކާ މައްސަލަ ޙައްލުކުރަން މިދަނީ މަސައްކަތް ކުރަމުން - ވެމްކޯ


ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ދެމުންދާ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށްފަހު ބިލް ނުދައްކާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ޚީދުމަތް ހޯދުމަށްފަހު ފީގެ ގޮތުގައި ލިބެންޖެހޭ 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ވެމްކޯއިން ވިދާޅުވެއެވެ.

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ބިލްތަކަށް ފައިސާ ނުދައްކާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކަމާ ގުޅޭ އެކި ފަރާތްތަކުން ވެސް އެއްބަސްވެފައިވަނީ ކުނި ނެގުމަށް ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތަށް ފީ ނުދައްކާ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ވެމްކޯއަށް ލިބެންޖެހޭ 42 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ހުރި ބިލްތައް ސަސްޕެންޑުކޮށް ރަނގަޅު މަޢުލޫމާތާއި ހިސާބު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިރާޖް ވިދާޅުވިއެވެ.

"މިކަން ފަށައިގެން އައިއިރު ރެޖިސްޓްރޭޝަން ޕްރޮސެސްގެ ކަންތައްތައް ދިޔައީ އެންމެ ރަނގަޅަކަށް ނޫން. އެންމެ އެކަށީގެންވާ ގޮތަކަށް އެކަން ނުކުރެވޭ. އަޅުގަނޑުމެންގެ ރިކޯޑުން އެބަދައްކާ އެ ކަންތައްތައް. އަޅުގަނޑުމެން މެނޭޖްމަންޓުން ވެސް އެކަން ގަބޫލުކުރަން. އެ ޑާޓާތައް ކްލިއަކުރުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެވޭ." ޔޫސުފް ސިރާޖު ވިދާޅުވިއެވެ.

ވެމްކީއުން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތަށް ފައިސާ ނުލިބި ހުރިނަމަވެސް މިހާރު ގިނަ ބަޔަކު ފީ ދައްކަމުން އަންކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އެގޮތުން އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީވެފައިވާ މާލޭގެ ގޭބިސީތަކުގެ %80އާއި %90އާ ދެމެދުގެ ގޭބިސީތަކުން ބަރާބަރަށް ފީ ދައްކަމުން އަންނަކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

މާލެ ސަރަޙައްދަށް ބަލާއިރު ވެމްކޯގެ ޚިދުމަތް ރަޖިސްޓްރީކޮށްގެން 25000 ގާތްކުރާ އަދަދެއްގެ ގޭބިސީތަކުން ޚިދުމަތް ހޯދައެވެ. ވެމްކޯއިން ގޭބިސީތަކުން ކުނި ނަގައިދެނީ މަހަކު 150 ރުފިޔާއަށެވެ.