ޚަބަރު

ވަކިކޮށްފައި އުކާލާ ކުނި އަޅަން ޚާއްސަ ކޮތަޅެއް!


ކުނި ވަކިކުރުމަށްފަހު އުކާލުމަށް ޚާއްސަކޮށްގެން ތިމާވެއްޓާ ރަށްޓެހި ކޮތަޅު އެތެރެކޮށް ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވިދާޅުވެއްޖެއެވެ.

ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަމަ މަހުން ފެށިގެން މާލެ ސަރަޙައްދުގެ ގޭބިސީޓަކުން ކުނި ނެރެން ޖެހެނީ ބައިބަޔަށް ކުނި ވަކި ކުރުމަށްފަހުގައެވެ. މިގޮތުން މާލެ ސަރަޙައްދުގައި ތިން ބަޔަކަށް ކުނި ވަކިކޮށް ނެރެންޖެހެއެވެ. އެއީ ޕްލާސްޓިކްގެ ބާވަތްތަކާއި ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުންޏެވެ.

ކުނިގެ ބާވަތްތައް ވަކިކޮށް އުކާލުމަށް ތައްޔާރުވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް އެކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓްއިން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅުގެ އިތުރަށް ފަސޭހައިން ނައްތާލެވޭފަދަ ތިމާވެއްޓާ ރައްޓެހި ކޮތަޅު ރާއްޖެ އެތެރެކޮށް ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ސިރާޖް ވިދާޅުވީ މިހާރުވެސް ރައްޔިތުން ކުނި ބައިބައި ކުރުމަށް ފަހު ނެރުމަށް ސަމާލުކަން ދޭކަމަށެވެ. މިގޮތުން މިހާރުވެސް ހުޅުމާލެ ހިޔާ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުގެ %90 މީހުން ކުނި ނެރެނީ ބައިބައި ކުރުމަށްފަހުގައި ކަމަށް ސިރާޖް ވިދާޅުވިއެވެ.

" ކުނި ބަންދުކުރާއިރު އެންމެ ބޮޑަށް ބަންދުކުރަން ޖެހެނީ ކުނިވާ ޒާތުގެ ކުނި. މިހާރުވެސް ޕްލާސްޓިކް ފުޅި މަހެއްގެ މައްޗަށް ގާތްގަޑަކަށް 115000 ޕްލާސްޓިކް ފުޅި މާލެ ސަރަޙއްދުން ކުނީގެ ގޮތުގައި އުފައްދާ. ކުނި ބައިބައި ކުރުމަށް ރައްޔިތުން ސަމާލުކަން ދޭ." ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ވަކި ކުރުމަށް ފަހު ކުނި ނެރުންޖެހުމުގެ ސަބަބުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްވެސް ކަހަލަ ފުށުއެރުމެއް ނާރާނެކަމަށެވެ.

މިގޮތުން ކުނި މެނޭޖް ކުރުމުގެ ބިލުގައިވެސް ބިލުގައިވެސް ރޯމަސް ގަތުމާއި ހަނޑޫ، ހަކުރު، ފުށް ގަތުމަށާއި ކުނި އެޅުމަށް ބޭނުންކުރާ ކޮތަޅު ބޭނުން ކުރެވޭނެކަމަށް ކަނޑައަޅާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިގޮތަށް ކުނި ވަކި ކުރުމަށްފަހު ނެރެންޖެހޭ ޤަވައިދަށް އަމަލުކުރިނަމަވެސް ރަޖިސްޓްރީވެފައިވާ ގޭބިސީތަކުން ދައްކަން ޖެހޭ ފީ ބޮޑު ނުވާނެކަމަށެވެ. މިގޮތުން ޖިސްޓްރީ ވެފައިވާ ގޭބިސީތަކުން ކުނި އުކުމަށްޓަކައި މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 150 ރުފިޔާއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯ ގުޅިގެން ކޮށްފައިވާ ސަރވޭއިން ދައްކާގޮތުގައި ރާއްޖޭގައި ކުނީގެ ގޮތުގައި އުކާލާ އެންމެ ބޮޑު އިންސައްތައަކީ އޯގެނިކް ނުވަތަ ކުނިވާ ޒާތުގެ ކުންޏެވެ. އެއީ %65 ކުންޏެވެ. ޕްލާސްޓިކް ފުޅީގެ ގޮތުގައި %13 ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދައެވެ. ބިއްލޫރިއާއި މައުދަނުގެ ގޮތުގައި %6 ހިމެނޭއިރު އެހެނިހެން ކުނީގެ ގޮތުގައި %16 ކުނި ގޭބިސީތަކުން އުކާކަމަށް މިސަރވޭއިން ދައްކައެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުނި ވަކިކޮށް ޕެކްނުކޮށް ހުންނަ ނަމަ ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ ދަށުން އެފަރާތެއް ޖޫރިމަނާކުރާނެއެވެ. ވެމްކޯއިން ބުނީ މިއިސްލާޙުގެ ދަށުން ކުނި ނެގުމަށް ހަމަޖެހިފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އެގޮތުން ހަމަ މިހާރުވެސް ކުނި ނަގަމުން އަންނަ ގޭބިސީތަކުން ކުނި ނަގަމުންދާނެކަމަށް އެކުންފުނިންގ ވިދާޅުވެއެވެ.